ޕާކިސްތާނުގެ ނޭވަލް ސްޓާފް، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި
22 ޖުލައި 2018 14:15

ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި އޮތް ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުމާއި ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނުތައް ހިންގުމާއި ގުޅޭގޮތުންނާއި، އަސްކަރީ ދާއިރާއިން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމަށް އެހީތެރިވެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވެވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އަދި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.