ވެލިބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ
16 ޖުލައި 2018 13:00

ވެލިބަރުކޮށްގެން މާލެ ދަތުރުކުރަމުން ދަނިކޮށް މާލޭ އަތޮޅު ވާދޫ ކައިރިން ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 09:34 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗުގައި ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ. އަދި، އެ ދޯނިން ދިޔަވަމުންދިޔަ ތަނުން ވަނީ ދިޔަގަނޑު ކޮންޓްރޯލް ކޮށްފައެވެ.

މި ހާދިސާގައި ދިޔަވަމުން ދިޔައީ "ވޭކަން" ނަމަކަށް ކިޔާ 13 މީޓަރުގެ ދޯންޏެކެވެ. އަދި ހާދިސާ ހިނގިއިރު، ދޯނީގައި 6 މީހުން ތިބިއިރު، ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ދޯނި ކަފުޖަހައިގެން މާލެ ގެނައުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން މިހާރު ދަނީ ކުރަމުންނެވެ.