ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި
13 ޖުލައި 2018 15:54

އދ އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅުނު "ޓާގެޓް" ދޯނިން މީހަކު ކަނޑަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދުގެ 14:39 ހާއިރުއެވެ. މި ހާދިސާގައި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު ދަނީ މަސައްކަތްކުރަމުންނެވެ.

ޓާގެޓް ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ ފ.ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ. މި މީހާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުޝި ކުލައިގެ ފަޓުލޫނެކެވެ.

މި ސަރަޙްދުން ދަތުރުކުރާ ފަރާތްތަކުން، މި މީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދެމެވެ.