ހާލުގައި ޖެހިފައިވާ ސްރީލަންކާގެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ
10 ޖުލައި 2018 19:31

ގއ.ވިލިނގިލީގެ އިރު އުތުރުން 43 ނޯޓިކަލް މޭލު ބޭރުން ހާލުގައި ޖެހިފައިވާ ސްރީލަންކާގެ "ސިންދޫރު- 2" ނަމަކަށް ކިޔާ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 11:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް  ރިޕޯޓްކޮށްފައިވަނީ އެސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު "ދިރުން" ނަމަކަށް ކިޔާ މަސް ދޯންޏަކުންނެވެ. އަދި "ދިރުން" ދޯނިން ވަނީ ހާލުގައި ޖެހިފައިވާ މަސްބޯޓުގައި ތިބި މީހުނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދީފައެވެ.

މިއަދުގެ 17:25 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗު، އެފްއައިސީ "ހަކުރާ" ވަނީ ހާލުގައި ޖެހިފައިވާ މަސް ބޯޓު އޮތް ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ. ހާލުގައި ޖެހިފައިވާ ބޯޓުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދިން ގޮތުގައި، ބޯޓު ހާލުގައި ޖެހިފައިވަނީ އިންޖީނުގެ ބެޓެރީ ފެއިލްވެގެންނެވެ. އަދި މި ބޯޓު ގދ.ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ދަނީ ކުރަމުންނެވެ.

މި ބޯޓުގައި 7 މީހުން ތިބިއިރު މި އެންމެންގެ ހާލުވެސް ރަނގަޅެވެ.