ދ.ވޮއްމުލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވެއްޖެ
30 ޖޫން 2018 11:09

ދ.ވޮއްމުލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 09:06 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ވޮއްމުލި ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.  މި މަސައްކަތުގައި އެ ރިސޯޓުގެ ފަޔަރ ޓީމްވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ވޮއްމުލި ރިސޯޓުގެ ޕްރައިވެޓް ސްޕާ އޭރިއާގައި ހުރި ސްޕާ ޓްރީޓްމަންޓް ރޫމެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މި އަލިފާނުގެ ހާދިސާގައި ސްޕާ ޓްރީޓްމަންޓް ރޫމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.