އެމްއެންޑީއެފުން ކުރިއަށް ގެންދާ "ހެސަ ވާދަ" މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
25 ޖޫން 2018 11:12

ދިވެހިން ޒަމާނުންސުރެ ކުރަމުން އައި މަސައްކަތްތަކާއި، ދިވެހި ޘަޤާފަތް ރަމްޒުކޮށްދޭ ގޮތަށް ވާދަވެރި އިވެންޓްތަކެއް ހިމަނައިގެން އެމްއެންޑީއެފުން މިހާރު ކުރިއަށް ގެންދާ "ހެސަ ވާދަ 2018" މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ގޮތުން މި މުބާރާތުގައި ސަރުކާރު އޮފީސް / ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވާ ޓީމުތައް ރަޖިސްޓްރީކުރުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 20:30 އިން 22:30 އާ ދެމެދު މުބާރާތް ކުރިއަށްދާ އިންޑަސްޓްރިއަލް ޒޯނު ސަރަޙައްދުގައި އޮންނާނެއެވެ. އަދި ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެރެއާ ހަމައަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ 9192607 ނަންބަރާ ރަސްމީ ގަޑީގައި ގުޅުއްވުމުން ލިބިލައްވާނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ހިމެނޭނީ އުމުރުން 18 އަހަރުވެފައިވާ ފިރިހެނުންނެވެ. އަދި ކޮންމެ ޓީމެއްގައި ރިޒާވަރުންނާއެކު 8 ބައިވެރިން ހިމަނަންޖެހޭއިރު، އިވެންޓްގައި އެއްފަހަރާ ވާދަކުރެވޭނީ 5 ބައިވެރިންނަށެވެ.

"ހެސަ ވާދަ – 2018" ގައި ބައިވެރިވާ ޓީމްތަކުން މި ޗެލެންޖުގައި ފުރިހަމަކުރަން ޖެހޭ އިވެންޓްތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނެއެވެ.

މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.