ހާލުގައި ޖެހިފައި އޮތް ޑިންގީއެއް ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑްއިން ހަރަކާތްތެރިވެއްޖެ
22 ޖޫން 2018 23:03

އަރި އަތޮޅުގެ ހުޅަނގުން 60 ނޯޓިކަލް މޭލު ބޭރުން ތިން މީހުނާއެކު، ހާލުގައި ޖެހިފައި އޮތް ޑިންގީއެއް ފެނިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑިއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 14:04 ހާއިރުއެވެ. މި ޑިންގީ ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވަނީ އއ.ރަސްދޫ ރަންދުވެލި ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏަކުންނެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ވެލާނާ ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ފެނުނު ޑިންގީގައި ތިބި ތިން މީހުން މިރޭ 19:00 ހާއިރި ކޯސްޓްގާޑްގެ ލޯންޗަށް ވަނީ ނަގާފައެވެ. އަދި މި ތިން މީހުން މާލެ ގެނެސް މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޑިންގީގައި ތިބި ތިން މީހުންނަކީ ބިދޭސީންނެވެ. ކަނޑުމަތީގައި ގިނަ ދުވަސްތަކެއްވެ ކާބޯތަކެއްޗާއި ފެނަށް ޖެހުމުގެ ސަބަބުން އެކަކުގެ ހާލު ވަނީ ދެރަވެފައެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހާލު ރަނގަޅެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.