ކާށިދޫ ކަނޑުން ދަތުރުކުރި މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ
13 ޖޫން 2018 23:30

މާލެއިން ފުރައިގެން ބ.އަތޮޅަށް ދަތުރުކުރި "ވީނަސް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ކާށިދޫ ކަނޑުން ދަތުރުކުރަނިކޮށް ދޯންޏަށް ދިވާތީވެ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިރޭ 19:45 ހާއިރު ލިބުމާއެކު ކ.ކާށިދޫގައި އޮތް ސީއެމްބިއުލޭންސް އާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓެސެޕްޓް ކުރާފްޓް "ވެލާނާ" ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާ މެދުވެރިވީ ވީނަސް ދޯނި ކާށިދޫ ބޮޑު ކަނޑުން ދަތުރުކުރަނިކޮށް ކަނޑު ގަދަވެ ދޯންޏަށް ދިޔަވެ ދޯނި އެއްފަރާތަށް އަރިއަޅާލުމާ ގުޅިގެން ކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައިވެއެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރިއެވެ. އަދި މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ހާނިއްކައެއް ލިބިފައެއް ނުވެއެވެ.

ހިލައާއި ލަކުޑި ބަރުކޮށްގެން ބ.އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރި 78 ފޫޓުގެ މި ދޯނީގައި ހުރި ބައެއް ލަކުޑިއާއި ފިލާތައް ކަނޑަށް ދޫކޮށްލުމުގެ ސަބަބުން ދޯންޏަށް ލުއިވެ ދޯންޏަށް ދިޔަވުން ވަނީ ކޮންޓްރޯލްކުރެވިފައެވެ.

ޕަމްޕު ޖައްސައިގެން ދޯނީގެ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ކޯސްޓްގާޑްގެ ސިފައިން އަންނަނީ ކުރަމުންނެވެ. އަދި މިދޯނި ކ.ގާފަރަށް ގެންދިއުމަށް ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ދޯނިން ކަނޑަށް ދޫކޮށްލި ލަކުޑިއާއި ފިލާތައް ކ.ގާފަރާއި ކ.ކާށިދޫއާއި ދޭތެރެއިން އިރުމައްޗަށް ދަނީ އޮޔާ ދަމުންނެވެ. ވީމާ މިސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްޠިމާސްކުރަމެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއްދެއްވުމަށް ދަންނަވަމެވެ.