ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް އިލްތިމާސް ކުރަން
24 މެއި 2018 17:10

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށްވެފައި، ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ރާއްޖެ އަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

މިދުވަސްވަރު ދަތުރުކުރައްވާ ނަމަ މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ދަތުރު ކުރައްވާނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމާއި، ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި، ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.

އަދި، ރޭގަނޑު ދަތުރުތައް ކުރައްވާނަމަ، އިތުރަށް ސަމާލުކަން ދެއްވުމަށާއި، ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަކީ ވަރަށް ބޮޑު އެދުމެކެވެ.

މީގެއިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް މޫސުމްގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށާއި، ޑައިވިންގ ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ކުޅިވަރުތައް ރޭއްވެވުމަށް އިލްތިމާސް ކުރަމެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް ކޯސްޓްގާޑަށް އަންނަނީ ލިބެމުންނެވެ. އަދި، ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރަމުންދާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވެސް އިލްތިމާސް ކުރަމެވެ.