ދަތުރުކުރަމުންދިޔަ ލޯންޗެއްގެ ހުންގާނުގެ ހޮޅިއެއް ފަޅައިގެން ގޮސްގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
23 މެއި 2018 22:57

ވ.އަލިމަތާ އިން ފުރައިގެން އެނބޫދޫ ރިސޯޓަށް ދަތުރުކުރި ލޯންޗެއްގެ ހުންގާނުގެ ހޮޅިއެއް ފަޅައިގެން ގޮސްގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 19:30 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ގޮތުން އެފްއައިސީ ވެލާނާ އެސަރަޙައްދަށް ގޮސް މި ލޯންޗު ކ.ގުރައިދޫއަށް ގެންދިއުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި ހުންގާނު ފަޅައިގެން ގޮސްގެން ހުއްޓިފައިވަނީ އެނބޫދޫ ފިނޮޅުގައި ދުއްވާ "އެކްސް ސްޕީޑް މެރީން" ނަމަކަށް ކިޔާ ލޯންޗެކެވެ. މިހާދިސާ ހިނގާފައިވަނީ އަލިމަތާ ރިސޯޓު ކައިރިއަށް ޑައިވިންގކޮށް ނިމިގެން އެނބުރި އެނބޫދޫ ރިސޯޓަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި 9 ފަތުރުވެރިންނާއި 2 ޑައިވް އިންޓްރަކްޓަރުންނާއި 2 ކްރޫއިން ތިއްބެވެ. އޭގެ ތެރޭގައި 4 އަންހެނުން ހިމެނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.