ދަތުރުކުރަމުންދިޔަ ބޯޓެއްގެ ބުރަފަތީގެ ބައެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން އެހީތެރިކަން ފޯރުކޮށްދީފި
23 މެއި 2018 16:34

ހއ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ޕީއެމްއެމްއޭ އެކްސްޕްރެސް 5" ނަމަކަށް ކިޔާ ބޯޓެއްގެ ބުރަފަތީގެ ބައެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު ހެނދުނު 10:26 ހާއިރު ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ މި ބޯޓު އޮތް ސަރަހަށްދަށްގޮސް ބޯޓުގައި ފަސިންޖަރުންގެ ގޮތުގައި ތިބި އަށް މީހުން މިއަދު ހަވީރު 15:45 ގައި މާލެ ގެނެސްދީފައެވެ. މީގެ ތެރޭގައި ތިން ފިރިހެނުންނާއި ތިން އަންހެނުން އަދި ދެ ކުޑަކުދިން ހިމެނެއެވެ.

މި ބޯޓުގެ ބުރަފަތީގެ ބައެއް ބިންދައިގެން ގޮސްފައިވަނީ ދަތުރުކުރަމުންދަނިކޮށް ކ.ކާށިދޫ ކައިރިންނެވެ. މި ބޯޓު މަޑު ސްޕީޑެއްގައި މިހާރު އަންނަނީ މާލެ އަށް ދަތުރުކުރަމުންނެވެ.

މި ހާދިސާ ދިމާވި އިރު މި ބޯޓުގައި ފަޅުވެރިންނާއި އެކު މުޅި ޖުމްލަ  22 މީހުން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.