ސުކޫލްތަކުގެ ދަރިވަރުން ހެލްތު ސުކްރީން ކުރުމަށް އެމްއެންޑީއެފް ސެނަހިޔައިން މިއަހަރު ހިންގިި ޕްރޮގްރާމް ނިންމާލައިފި
14 މެއި 2018 22:31

ސުކޫލްތަކުގެ ދަރިވަރުން ހެލްތު ސުކްރީން ކުރުމަށް އެމްއެންޑީއެފް ސެނަހިޔައިން މިއަހަރު ހިންގިި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިޕްރޮގްރާމުގެ ފަހު ސްކޫލެއްގެ ގޮތުން, މިއަދު ކަލާފާން ސްކޫލުގެ 148 ދަރިވަރަކު ވަނީ ހެލްތު ސްކުރީން ކޮށްފައެވެ.
މިއަހަރު އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ 18 ސްކޫލަކުން ޖުމްލަ 2436 ދަރިވަރަކު ވަނީ ހެލްތު ސްކްރީން ކުރެވިފައެވެ. މި ޕްރޮގްރާމުގައި ހެލްތު ސްކުރީންކުރުން ކުރިއަށްގެންދިޔަ ސްކޫލުތަކަކީ އަމީނިއްޔާ ސްކޫލް، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަރަބިއްޔާ ސްކޫލް، ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް، ޣާޒީ ސްކޫލް، ޣިޔާސުއްދިން ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ކެންގަރޫ ކިޑްސް، މުހިއްޔިއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، ރެހެންދި ސްކޫލް، އަދި ތާޖުއްދީން ސްކޫލެވެ.

މި ޕްރޮގްރާމްގެ ދަށުން، ދަރުމަވަންތަ ސްކޫލާއި، ޣާޒީ ސްކޫލްއާއި، ހިރިޔާ ސްކޫލާއި، މުހިއްދީން ސްކޫލާއި، ރެހެންދި ސްކޫލުގެ އިތުރުން، ތާޖުއްދީން ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުންގެ %100 އިންސައްތަ ދަރިވަރުންގެ ހެލްތު ސްކްރީން ވަނީ ކުރެވިފައެވެ.

މި ހެލްތު ސްކްރީން ޕްރޮގްރާމްގައި ބަލާފައި ވަނީ ދަރިވަރުގެ ބަރުދަނާއި އަޑުއިވުމާއި ލޮލުގެ ފެނުމުގެ އިތުރުން، އަނގައިގެ މައްސަލަތަކެވެ.

ސްކޫލްތަކުގެ ގުރޭޑު އެކެއްގެ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް ހިންގާ މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިފެންސް މިނިސްޓްރީ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ޙިއްޞާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް ސެނަހިޔަ އިން ވަނީ ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ހެލްތު ސްރީން ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސެނަހިޔަގެ ޑޮކްޓަރުންނާއި ޞިއްހީ ދާއިރާއިން ތަމްރީން ވެފައިވާ ސިފައިންނާއި ސެނަހިޔާގެ އާންމު މުވައްޒަފުންނެވެ.