އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހިންގާ "އޮޕަރޭޝަން ހިރާސް ފާސް 2018" ފަށައިފި
10 މެއި 2018 19:19

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ސިލްސިލާކޮށް ހިންގާ "އޮޕަރޭޝަން ހިރާސް ފާސް 2018" ފަށައިފިއެވެ.

މި އޮޕަރޭޝަން ފައްޓަވައިދެއްވީ ކަޅުތުއްކަލާ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ އަލްފާޞިލް މުޙައްމަދު ޒުޙައިރެވެ.

މިރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަލްފާޞިލް މުޙައްމަދު ޒުޙައިރު ވަނީ އެފްއާރުއެސް އިން ހަރަކާތްތެރިވި ބައެއް ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި އެފްއާރުއެސްގެ ސިފައިން ކުރައްވާ ހުނަރުވެރި ބުރަ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގެންނެވިކަމަށް ވިދާޅުވެ އެމަސައްކަތްތަކަށް ތަޢުރީފުކުރައްވައި ވަނީ ވާހަކަފުޅު ދައކަވާފައެވެ. އަދި އެފްއާރުއެސް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންގެންދަވާ އަވަސް ޚިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ސްޓޭޓް މިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިރަސްމިއްޔާތުގައި މި އޮޕަރޭޝަނާއި ބެހޭ ތަޢާރަފެއް ދެއްވީ އެފްއާރުއެސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއެވެ.

މިއަދު ފެށި މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ މާލެ ސިޓީގައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި ބިދޭސީންނަށް ކައްކާ ކާންދިނުމުގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމަށެވެ.

މިގޮތުން ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އެ ތަކެތީގެ ހާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށްތޯ ބެލުމުގެ އިތުރުން އިމާރާތާއި ބެހޭ މުހިންމު މަޢުލޫމާތުތައް ބެލުމަށް އެތަންތައް ސަރވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޮޕަރޭޝަން ހިރާސް ފާސް 2018 ފެށުމުގެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެފްއާރުއެސްގެ އިސް އޮފިސަރުންނާއި ގިނައަދަދެއްގެ ސިފައިން ވަނީ ބައިވެރިވެލައްވާފައެވެ.