އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން "ފަޔަރ ޕްރިވެންޝަން ވީކް 2018" ފަށައިފި
09 މެއި 2018 17:15

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއާރުއެސް) އިން "ފަޔަރ ޕްރިވެންޝަން ވީކް 2018" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

އިއްޔެ ވިލިމާލޭގައި ފެށި "ފަޔަރ ޕްރިވެންޝަން ވީކް" ކުރިއަށްދާނީ، ވިލިމާލޭގެ އިތުރުން، މާލެސިޓީ އާއި ހުޅުމާލެ އަދި ވ.ރަކީދޫގައެވެ. މިޕްރޮގްރާމް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވ.ރަކީދޫގައެވެ. ރަކީދޫގައި ކުރިއަށްދާ ޕްރޮގްރާމްގައި، އެފްއާރުއެސް ގެ އިތުރުން އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ވެސް ހަރަކާތްތެރިވާނެއެވެ. އަދި އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައި އަދި ހޮނިހިރު ދުވަހު މާލޭ ރަސްފަންނުގައި ޕްރޮގްރާމް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްތައް ކުރިއަށްދާނީ އެ ދުވަސްތަކުގެ 16:00 އިން 18:00 އަށެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާއި ބެހޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި، ފާއިތުވި އަހަރުތަކުގައި ފަޔަރ ޕްރިވެންޝަން ވީކަށް އާންމުގެ ވަރަށްބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.