އެމްއެންޑީއެފް އިން ގދ.ފަރެސްމާތޮޑާގައި ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމު ކާމިޔާބު ކަމާއެކު ނިންމާލައިފި
09 މެއި 2018 08:54

އެމްއެންޑީއެފް ސަދަން އޭރިއާއިން ގދ.ފަރެސްމާތޮޑާގައި ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ގދ.ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްއެވެ.

މިދިޔަ މަހު 2 ން 27 އަށް ގދ.ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމުގައި، 150 ފަރާތަކުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މިގޮތުން މި ޕްރޮގްރާމްގައި، ފެތުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ކިކް ޖަހާނެ ގޮތާއި ފްލޯޓް ކުރާނެ ގޮތާއި މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަން ވަނީ ދަސްކޮށްދެވިފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒްގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިންގެ އިތުރުން ހުވަދޫ ސްކޫލުގެ އިސް ބޭފުޅުން ބައިވެރިވެފައިވެއެވެ.