ހުޅުމާލޭ ހުސްބިމެއްގައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި
28 އޭޕްރީލް 2018 20:36

ހުޅުމާލޭ ހުސްބިމެއްގައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 15:01 ހާއިރު އެމްއެންޑީއެފް އެފްއާރުއެސްއަށް ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ރޯވެފައިވަނީ ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިއުލް ޝެޑް އާ ޖެހިގެން އޮތް ހުސްބިމެއްގައި ހުރި ލަކުޑިތަކަކާއި ޖަމްބޯ ބޭގުތަކަށް އަޅާފައި ހުރި ކުނިތަކެއްގައެވެ. މި ސަރަޙައްދުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިރޭ ގާތްގަނޑަކަށް 19:58 ހާއިރުއެވެ.

މި ހާދިސާގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ސިފައިންގެ އިތުރުން މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންވެސް ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީގު ކުރަމުންނެވެ.