އެމްއެންޑީއެފުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ނެރޭ ލަވަ އަލްބަމް
27 އޭޕްރީލް 2018 01:38

އެމްއެންޑީއެފުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ނެރޭ ލަވަ އަލްބަމް "ސިފަކޮއި" ސިލްސިލާގެ ދެވަނަ އަލްބަމް ރަސްމީކޮށް ނެރެދެއްވައިފިއެވެ.

މި އަލްބަމް ރަސްމީކޮށް ނެރެދެއްވާފައިވަނީ ދިވެހިބަހުގެ ދުވަހާއި ޤާއުމީ ތާރީޚު ދުވަސް ފާހަގަކުރުމަށް ދިވެހި ބަހުގެ އެކެޑަމީއިން މިރޭ އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި އަލްފާޞިލް މުސްތަފާ ޙުސައިންނެވެ.

މި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑަމީއިންވަނީ ދިވެހި ބަހުގެ ބަހުރުވަތައް ޤައުމީ ސަމާލުކަމަށް ގެންނަވައި ބަހުރުވަތައް ރައްކާތެރިކުރުމުގެ މަޤްޞަދުގައި ދިވެހި ބަހުގެ އެކި ބަހުރުވަތަކުގެ މައްޗަށް އެކުލެވޭ ޚާއްޞަ ލަވަ އަލްބަމް "ބަހުރުވަ" ނެރެދެއްވައި އާންމުކުރެއްވިކަމަށްޓަކައި އެމްއެންޑީއެފަށް ޚާއްޞަ ފިލައެއް އަރުވާފައެވެ.

މިފިލާ އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަލްފާޞިލް އަޝްރަފް ޢަލީއެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާއި ހަވާލުވެލެއްވީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގގެ އޮފިސަރ ކޮމާންޑިންގެ ފަސްޓް ލެފްޓިނެންޓް އިސްމާއީލް އަކްރަމެވެ.

އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގ އިން މިއަހަރު ތައްޔާރުކޮށްފައިވާ "ސިފަކޮއި 2" ލަވަ އަލްބަމްގައި ހަ ލަވައެއް ވަނީ ހިމަނާފައެވެ.

"ސިފަކޮއެ" މި އަލްބަމަކީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކުރެއްވި "ތަރިކަ" މަޝްރޫޢުގެ މަސްދަރުތައް އަސްލަކަށް ބަލައިގެން ކުޑަކުދިންގެ ހަވީރުތަކާއި ކުޑަކުދިންގެ ޕާޓީތަކުގައި ބޭނުންކުރުމަށް ޚާއްޞަކޮށްގެން، އަދި ވީހާވެސް ބޮޑަށް ކުޑަކުދިންނާ ގުޅޭގޮތަށް ހަދާފައިވާ ލަވަތަކެކެވެ.

ކުޑަކުދިން ބޭނުންކޮށްގެން އެނިމޭޓް ކޮށްފައިވާ ވީޑިއޯއާއެކު އިފްތިތާޙުކުރި މި އަލްބަމްގެ ވީޑިއޯ އާއި އެނިމޭޝަން ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން އަދި، އަލްބަމްގެ ލަވަ އާއި ރާގުތައް ހަދާފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންނެވެ.