އެމްއެންޑީއެފް އެފްއާރުއެސް އިން އިސްކަންދަރު ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި
12 އޭޕްރީލް 2018 18:23

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އިސްކަންދަރު ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލް އެއް ބާއްވައިފިއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގެ ފުރަތަމަ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ. އަދި ދެވަނަ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ 16:30 ގައެވެ.

އިސްކަންދަރު ސްކޫލުގައި މިއަދު ކުރިއަށްގެންދެވުނު ފަޔަރ އިވެކުއޭޝަން ޑްރިލްގެ ދެވަނަ ދަންފަޅި ކުރިއަށްދާގޮތް  ބައްލަވާލެއްވުމަށްޓަކައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވަނީ އެ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.

މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ޢަމަލީ ގޮތުން ވަނީ ފަރިތަކޮށްފަ އެވެ. މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ސްކޫލުގައި އެވަގުތު ތިބި ދަރިވަރުންނާއި ޓީޗަރުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. އަދި އެފަދަ ހާދިސާއެއްގައި އަނިޔާވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމައެހީ ދޭނެ ގޮތްތައްވެސް ފަރިތަކޮށްފައި ވެއެވެ. މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ ސްކޫލުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރައްވާ މުވައްޒަފުން ވަނީ ބައިވެރިވެފައިވެއެވެ. މިއަދު ހިންގި ފަޔަރ އިވެކުއޭޝަން ޑްރިލްގެ ކުރިން، އެފްއާރުއެސްއިންވަނީ މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށްގެންދިއުމަށް ހަދާފައިވާ ޕްލޭން ކުރިއަށް ގެންދާނެ ގޮތްތަކާބެހޭ ކުލާސްތަކެއް އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށާއި އެހެނިހެން މުވައްޒަފުންނަށް ހިންގާފައެވެ.

މި ހިންގުނު ފަޔަރ އިވެކުއޭޝަން ޑްރިލްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިންނެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މާލޭގެ ސްކޫލުތަކުގައި ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ސްކޫލުތަކުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޑްރިލްތަކެކެވެ.