ހަތަރު ޤައުމެއްގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިވި ހަވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
10 އޭޕްރީލް 2018 19:44

ހަތަރު ޤައުމެއްގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިވި ހަވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ކާމިޔާބުކަމާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން މިއަދު މެންދުރު ފަހު ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރެވެ.

މިރަސްމިއްޔާތުގައި ކޯހުން ފާސްވި ދަރިވަރުންނަށް ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. އަދި މި ކޯހުގެ މުދައްރިބުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި ބޭކަލުންނަށާއި އެކިގޮތްގޮތުން ކޯހަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރިި މެހުމާން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރިމަގުގައި މި ކޯހުގައި ބޭރުގެ އިތުރު އަސްކަރިއްޔާތަކަށް މި ކޯސް ފުރިހަމަކުރުމަށް ފުރުޞަތު ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ މިކޯހުގެ ހުރިހާގޮތަކުން އެންމެ މޮޅު އަދި އެންމެ ހަށިހެޔޮ ދަރިވަރަކަށް ހޮވިފައި ވަނީ މެރިން ޑިޕްލޮއި މަންޓް ޔުނިޓް 3 ގެ ކޯޕްރަލް މުޙައްމަދު ރަޝީދެވެ. އަދި މެރިޓުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ސާޖަންޓް ޢަބްދުﷲ ޝަޒީމް އެވެ. މި ކޯހުގައި ބައިވެރިވި ރާއްޖެއިން ބޭރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ބަނގްލަދޭޝް ކޯސްޓްގާޑްގެ ޕްރައިވެޓް ހަބީބުއްރަޙްމާނެވެ.

ޖެނުވަރީ މަހުގެ 14 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތައް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގި މި ކޯހުގައި ޖުމްލަ 16 ސިފައިން ބައިވެރިވެފައިވާއިރު، ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ނުވަ ސިފައިން ވެސް މިކޯހުގައި ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާ އަސްކަރިއްޔާގެ ސިފައިންނެއެވެ.

މި ކޯހުގެ އުނގަންނައިދެވުނު މާއްދާތަކުގެ ތެރޭގައި ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓް އެއިޑް، މިޝަން ޕްލޭނިންގ، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ހިމެނެއެވެ.

މިރަސްމިއްޔާތު ނިމިގެންދިޔައީ އެމްއެންޑީއެފް ކޯސްޓްގާޑއިން ހަރަކާތްތެރިވާ ބައެއް ކަނޑުމަތީގެ ހާދިސާތަކުގައި ކޯސްޓްގާޑުގެ ޑައިވަރުން އަމަލުކުރަމުންދާ ގޮތް، ކޯހުގެ ބައިވެރިން ދައްކުވައިދިން ހުށަހެޅުމަކުންނެވެ.