އޯޓިޒަމް އެވެއަރނެސް ވީކް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒަށް ޒިޔާރަތްކޮށްފި
09 އޭޕްރީލް 2018 12:17

އޯޓިޒަމް އެވެއަރނެސް ވީކް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

މިއަދު އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒް ސ.ގަމަށް މަރަދޫ ސްކޫލުގެ ދަރިވަރުން ކުރި މި ޒިޔާރަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒްގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ ސަދަން މޯސްޓް ޕޮއިންޓުން، ދަރިވަރުންނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމް އާއި އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ.

މަރަދޫ ސްކޫލުގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ސާދަ ދަރިވަރުންނާއި ހަތް ޓީޗަރުން އެމްއެންޑީއެފް ސަދަން އޭރިއާއަށް މި ކުރި ޒިޔާރަތުގައި ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތައް ދައްކާލުމާއި ކޯސްޓްގާޑް ޑައިވަރުންގެ ހަރަކާތްތަކެއް ދައްކާލުމުގެ އިތުރުން މެރީންސް އާއެކު ފޮޓޯ ނެގުމާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކުރާނެ ގޮތްތައް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައިވެއެވެ.

އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒަށް މި ކުރި ޒިޔާރަތަކީ އޯޓިޒަމް އެވެއަރނެސް ވީކް ފާހަގަކުރުމަށް މަރަދޫ ސްކޫލުގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ކުރި ޒިޔާރަތެކެވެ.