މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ޒުވާނަކު ސިއްހީ އަވަސް ފަރުވާޔަށް ކުޅުދުއްފުއްޓަށް ގެންގޮސްދީފި
09 އޭޕްރީލް 2018 06:49

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ޒުވާނަކު ސިއްހީ އަވަސް ފަރުވާޔަށް ކުޅުދުއްފުއްޓަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 20:05 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑިއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ހަރަކާތްތެރިވެފައެވެ. ހާލު ދެރަވެގެން ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ ހއ.އިހަވަންދޫގެ ހުޅަނގުން 90 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ހިޔަރޯދި" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 24 އަހަރުގެ ދިވެއްސެކެވެ. މި މީހާ ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ކުއްލިޔަކަށް ހޭނެތިގެން ވެއްޓުމުން އަވަސް ފަރުވާ ބޭނުންވާކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދުމުންނެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި އޮތް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "މާފަތް" ލޯންޗު ހދ.ކުޅުދުއްފުއްޓަށް ގޮސް ޑޮކްޓަރުންގެ ޓީމު ގޮވައިގެން ދޯނި އޮތް ސަރަޙައްދަށް ވަނީ ގޮސްފައެވެ. މި މީހާ ކުޅުދުއްފުއްޓަށް ގެންގޮސްދެވިފައިވަނީ ހއ. ހޯރަފުށީ ސީއެމްބިއުލާންސްގައި ރޭ ފަތިހު 05:44 ހާއިރުއެވެ.