އެމްއެންޑީއެފް ނޮދަން އޭރިއާއިން ޅ.އަތޮޅު ސްކޫލުތަކުގެ މުވައްޒަފުންނަށް "ފަރުކޮއެ ޕްރޮގްރާމް" ހިންގައިފި
07 އޭޕްރީލް 2018 22:45

ކަނޑާއި ގުޅޭ ތަފާތު ކަންކަމަށް އަހުލުވެރިކޮށް ހޭލުންތެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް އަމާޒުކޮށްގެން ފަށާފައިވާ ކެމްޕޭން، "ފަރުކޮއެ ޕްރޮގްރާމް" އެމްއެންޑީއެފް ނޮދަން އޭރިއާއިން ޅ.އަތޮޅު ސްކޫލުތަކުގެ މުވައްޒަފުންނަށް ހިންގައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ބާއްވާފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާއިން، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. ޅ.ކުރެންދޫގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ޅ.އަތޮޅަށް ނިސްބަތްވާ ރަށްތަކުގެ ހުރިހާ ސްކޫލުތަކަކުން ޖުމުލަ 22 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ޞިއްޙީ ފުރަތަމައެހީ އާއި ސްވިމިންގ ރެސްކިޔުގެ ބައިތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، މޫދުގައި އުޅޭއިރު ކުރިމަތިވެދާނެ ކުއްލި ހާލަތެއްގައި މީހުން ސަލާމަތްކުރާނެ ގޮތާއި، ޞިއްޙީ ފުރަތަމައެހީ ދޭނެ ގޮތް ވަނީ ކިޔަވައިދީފައެވެ. އަދި ކަނޑުމަތީގައި ދިމާވެދާނެ ހާދިސާއެއްގައި ގިނަވަގުތު ފެންމަތީގައި އޮންނާނެ ޓެކްނިކްސް ތަކާއި، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބައިވެރިންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ކަމުގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާގެ މުދައްްރިބުންނެވެ.