އެމްއެންޑީއެފް އެފްއާރުއެސް އިން އަމީރު އަޙްމަދު ޕްރީ ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި
05 އޭޕްރީލް 2018 16:38

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އަމީރު އަޙްމަދު ޕްރީ ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފިއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގެ ފުރަތަމަ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ. އަދި ދެވަނަ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ 13:00 ގައެވެ.

އަމީރު އަޙްމަދު ޕްރީ ސްކޫލުގައި މިއަދު ކުރިއަށްދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައްވަނީ ޢަމަލީ ގޮތުން ފަރިތަކޮށްފަ އެވެ. މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ސްކޫލުގައި އެވަގުތު ތިބި ދަރިވަރުންނާއި ޓީޗަރުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައްވަނީ ފަރިތަކޮށްފަ އެވެ. އަދި އެފަދަ ހާދިސާއެއްގައި އަނިޔާވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމައެހީ ދޭނެ ގޮތްތައްވެސް މި ޑްރިލްގައި ފަރިތަކުރެވިފައިވެއެވެ

.

އަމީރު އަޙްމަދު ޕްރީ ސްކޫލުގައި ކުރިއަށްދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ ސްކޫލުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ހިންގުނު އިވެކުއޭޝަން ޑްރިލްގެ ކުރިން، އެފްއާރުއެސްއިންވަނީ މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށްގެންދިއުމަށް ހަދާފައިވާ ޕްލޭން ކުރިއަށް ގެންދާނެ ގޮތްތަކާބެހޭ ކުލާސްތަކެއްވެސް އަމީރު އަޙްމަދު ޕްރީ ސްކޫލުގެ ޓީޗަރުންނަށާއި އެހެނިހެން މުވައްޒަފުންނަށް ހިންގާފައެވެ.

މި ހިންގުނު ފަޔަރ އިވެކުއޭޝަން ޑްރިލްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިންނެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މާލޭގެ ސްކޫލުތަކުގައި ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ސްކޫލުތަކުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޑްރިލްތަކެކެވެ.