ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފި
05 އޭޕްރީލް 2018 13:39

އަލްމަރުޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2018 ، ނިންމާލައިފިއެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

2018މާރިޗު 24 ވަނަ ދުވަހުން ފެށިގެން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ، މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއެއްގެ މަޤާމް ހާސިލްކޮށްފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ހުޅުލެޕޯސްޓުގެ ސާރޖަންޓް އަޙުމަދު ހުސައިން ދީދީ އެވެ. ދެވަނަ މަޤާމް ހާސިލްކޮށްފައިވަނީ އެމްއެންޑީއެފް މެރިންކޯރ ހެޑްކްއޯޓަރޒްގެ ވޮރަންޓް އޮފިސަރ 4 ޢަބްދުﷲ ޖާވިދެވެ. އަދި ތިންވަނަ މަޤާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާރޖަންޓް މުޙައްމަދު އަޝްރަފެވެ.

އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ޓީމް އިވެންޓް ފަޔަރިންތައް ކުރިއަށްދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ.

މިގޮތުން ގިންތި އެކެއްގެ އެއްވަނަ ޓީމުގެ މަޤާމު ހާސިލްކޮށްފައިވަނީ، ސްޕެޝަލް ފޯސަސްގެ ޓީމުންނެވެ. މި ގިންތީގެ ދެވަނަ ޓީމްގެ މަޤާމް އެމްއެންޑީއެފް މާލެ އޭރިއާ ހުޅުލެ ޕޯސްޓުގެ ޓީމުން ހާސިލްކޮށްފައިވާއިރު ތިންވަނަ ޓީމުގެ މަޤާމް ހާސިލްކޮށްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމުންނެވެ.

މި މުބާރާތުގެ ގިންތި ދޭއްގެ އެއްވަނަ ޓީމުގެ މަޤާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޓީމުންނެވެ. މި ގިންތީގެ ދެވަނަ ޓީމުގެ މަޤާމް އިލެކްޓިރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޓީމުން ހާސިލްކޮށްފައިވާއިރު ތިންވަނަ މަޤާމް ހާސިލްކޮށްފައިވަނީ ކްއާޓަރ މާސްޓަރ ސަރވިސްގެ ޓީމުންނެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަޙްމަދު ޝާހިދުއެވެ.

މިއަދު މި މުބާރާތުގެ ފައިނަލްގައި ބަޑިޖަހައި އެންމެ މަތިން މާކްސް ހޯދި ބަޑިޖެހުންތެރިންގެ ޓާރގެޓުތަކުގައި ޑިފެންސް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސޮއިކުރައްވާފައެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވަމުންގެންދާ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ސިފައިންނާއި އެހެނިހެން ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލައްވާފައިވެއެވެ.

މިއަދުގެ މި ރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ލަވައިންނެވެ.