ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
01 އޭޕްރީލް 2018 11:38

ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު އެނބުރި ޕާކިސްތާނަށް ފުރާ ވަޑައިގަންނަވައިފިއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދެކަނބަލުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ ދެކަނބަލުންނާއި، އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް އާއި ޕާކިސްތާނުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޓާޗޭ ކާނަލް ސައްޖާދު ޢަލީގެ އިތުރުން ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށްވަނީ އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ދައުލަތުގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާފައިވެއެވެ.

މިމަހު 30 ން މިއަދުގެ ނިޔަލަށް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.