ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ޗީފް އޮފް ޑިފެންސް ފޯސް އާ ބައްދަލުކުރައްވައިފި
01 އޭޕްރީލް 2018 19:12

ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާ ދެމެދު އޮތް ޒަމާންވީ ގުޅުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދު އާއި އެލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ އަދި މެރިންކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، އެމްއެންޑީއެފް ހެޑްކްއޯޓަރޒް ބަންޑާރަކޮށްޓަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި މިއަދު ވަނީ ހޮނަރ ގާޑެއް އަރުވާފައެވެ.

އަދި މިއަދު ހެނދުނު އެމަނިކުފާނު ވަނީ ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ނޮވެމްބަރ 3 ގެ ޝަހީދުންގެ ބިނާއާއި ގުޅޭގޮތުން ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފާއި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.