ވައިފުޅި އަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޑީކޯވި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފި
01 އޭޕްރީލް 2018 01:00

ވައިފުޅި އަޅައިގެން އެންހިފަން ފީނަން އުޅުމުގެ ތެރޭގައި “ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް” (ޑީކޯ) ވި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފިއެވެ.

ޑީކޯ ވެގެން ގދ. ގައްދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދިޔަ އުމުރުން 30 އަހަރުގެ މި ފިރިހެން މީހާ، އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވަނީ މިރޭ 00:45 ހާއިރުއެވެ. މި މީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސް އިތުރު ފަރުވާދޭން ޝަންގްރިއްލާ ރިސޯޓަށް ސީ އެމްބިއުލާންސްގައި ވަނީ ގެންގޮސް ދީފައެވެ.

ގދ.ގައްދޫ ފްލައިންގ ފިޝް ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏަކުން އެންހިފަން ފޭބި މި މިމީހާ މިއަދު ވަނީ 49 މީޓަރުގެ ފުންމިނަށް ފީނާފައެވެ. އަދި މި ފީނުމުގައި 39 މިނިޓުގެ ވަގުތު ހޭދަކޮށްފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މި މީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވަނީ ގދ.ގައްދޫ ސިއްޙީ މަރުކަޒުން ބެއްލެވި ޑޮކްޓަރުން މި މީހާ ސިއްޙީ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ގަމަށް ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.