އައްޑޫ ސިޓީ ހިތަދޫ ދެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ނިއްވާލައިފި
12 ފެބްރުއަރީ 2018 10:56

އައްޑޫޫ ސިޓީ ހިތަދޫގެ ދެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

ރޭ ދަންވަރު ހިނގި ދެ ހާދިސާގެ ތެރެއިން ފުރަތަމަ ހާދިސާގައި އަލިފާން ރޯވެފައިވަނީ ހިތަދޫ ވައިޓް ވިލާގައެެވެ. މި ހާދިސާގެ މަޢުލޫމާތު ރޭ 00:02 ހާއިރު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

މިހާދިސާގައި ރޯވެފައިވަނީ ވައިޓް ވިލާ ގޭގައި ކުޅިވަރު ފެންޑާއެއްގޮތަށް ބޭނުންކުރުމަށް ހަދާފައިވާ ތަނެއްގައެވެ. މިހާދިސާގައި އެތަނުގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 00:21 ހާއިރުއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހިނގި ދެވަނަ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހިތަދޫ ދޮންލަފަރު ގޭގައެވެ. މި ހާދިސާގެ މަޢުލޫމާތު ރޭ 01:50 ހާއިރު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

މިހާދިސާގައި ދޮންލަފަރުގޭގެ ދެ ކޮޓަރިއަކަށް ވަނީ ގެއްލުން ލިބިފައެވެ. މިގޮތުން އެ ގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ޖެހިގެން ހުރި ކޮޓަރިއަށް ހޫނުގެ އަސަރު ކޮށްގެން ބައެއް ތަކެއްޗަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ރޭ މެންދަމު 03:30 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މި ދެ ހާދިސާ ހިނގި ގޮތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު އަންނަނީ ތަހުޤީގު ކުރަމުންނެވެ.