މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ނޫސްބަޔާން
10 ފެބްރުއަރީ 2018 18:50

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253  ވަނަ މާއްދާގެ ދަށުން ރާއްޖޭގައި މިވަގުތު އިޢުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސިފައިންގެ މީހުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ހާމަކުރަމުންދާކަން ފާހަގަކުރަމެވެ. އަދި ދިވެހި ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލޭފަދަގޮތަށާއި، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ ގޮތްގޮތަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތު ފަތުރަމުންދާކަން ވެސް ފާހަގަކުރަމެވެ.

ވީމާ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އަދި ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ނަސޭޙަތްތެރިވެ އިލްތިމާސް ކުރަމެވެ. ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

 

10 ފެބުރުވަރީ 2018