ހުޅުމާލޭ ފަޅުތެރޭ އޮތް ސަފާރީއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި
06 ފެބްރުއަރީ 2018 10:55

ހުޅުމާލޭ ފަޅުތެރޭ އޮތް "ވެލާ" ނަމަކަށް ކިޔާ ސަފާރީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.

މިއަދު ހެނދުނު 09:00 ހާއިރު މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ ފަޔަރމަނުންގެ ޓީމެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި މި ސަފާރީގެ އިންޖީނު ރޫމާއި ގެގަނޑުގެ ބޮޑު ބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ކުރި މަސައްކަތުން ނިއްވާލާފައިވަނީ ގާތްގަނޑަކަށް 09:45 ހާއިރުއެވެ.  އަދި މި ސަފާރީގައި އަލިފާން ރޯވި ވަގުތު 4 ފަޅުވެރިން ތިބި އިރު މި ހަތަރު މީހުންވެސް ވަނީ އަލިފާން ރޯވުމާ ގުޅިގެން ސަފާރީން ފައިބާފައެވެ. މީގެ ތެރޭގައި ހިމެނެނީ 3 ބިދޭސީންނާއި ދިވެއްސެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ހޯދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.