ތިން މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި
01 ފެބްރުއަރީ 2018 11:32

ކ.ދިއްފުށި ހުޅަނގު ފަރާތު ފަޅުތެރޭގައި އަޅާފައި އޮތް "އީކުއޭޓަރ ސްޓާރ 01" ނަމަކަށްކިޔާ ސަފާރީއެއްގެ ޑިންގީއެއް ތިން މީހުންނާއެކު ފުރިފަހުން ޚަބަރެއް ނުވެގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގުން ފަށައިފިއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހަވީރު 18:50 ހާއިރުއެވެ. މި ޑިންގީގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެސަފާރީގެ ވެރިފަރާތުން ފަށާފައި ވަނީ މިއަދު ހެނދުނު 06:00 ހާއިރުން ފެށިގެންނެވެ. މި ޑިންގީ ހޯދުމުގެ މަސައްކަތް ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.

ތިން މީހުންނާއެކު ޚަބަރެއް ނުވެގެން ހޯދަމުންދާ މި ޑިންގީ އަކީ 18 ފޫޓް ދިގު، ނޫކުލައިގެ ބަރު ފަށަކާއި، ފަންސާސް ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް އަޅާފައިވާ ހުދު ކުލައިގެ ޑިންގީއެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ޑިންގީއާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށްބޮޑު އެދުމެކެވެ. އަދި މިޑިންގީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ.