ހއ.ކެލާގައި ހިންގި 13 ވަނަ މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި
21 ޖެނުއަރީ 2018 10:15

ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ، ތިލަދުންމަތީ އުތުރުބުރީ ކެލާގައި ކުރިއަށްގެންދިޔަ 13 ވަނަ މޫދު ކަސްރަތު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ކެލާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

އަދި، ޕްރޮގްރާމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕާރސަނަލް ސަރވިސަސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ތޯހިރުއެވެ.

މީގެ އިތުރުން "މޫދު ކަސްރަތުން އުފާވެރިކަން" މި ޕްރޮގްރާމުގެ މުދައްރިބަށް ހަނދާނީ ފިލާއެއް ވަނީ ހަވާލުކޮށްފައެވެ. މި ފިލާ  ސާޖަންޓް ފަސްޓް ކުލާސް އިސްމާޢީލް އަޙްމަދު އާ ހަވާލުކޮށްދެއްވީ ހއ. ކެލާ ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޣުފްރާނެވެ.

"މޫދު ކަސްރަތުން އުފާވެރިކަން" މި ނަމުގައި މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އެ ރަށުގެ ދެޖިންސްގެ 179 ބައިވެރިން ބައިވެރިވެފައި ވެއެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ހއ.ކެލާ ކައުންސިލް އިދާރާ އާ އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް އިސްމާޢީލް އަޙްމަދެވެ.

މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދު އާއި ހއ.ކެލާ ކައުންސިލް އިދާރާގެ އިސް ވެރިންނާއި ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.