ރ.އަލިފުއްޓަށް ދަތުރުކުރި ޑިންގީއެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވެއްޖެ
19 ޖެނުއަރީ 2018 20:12

ހދ.މަކުނުދޫއިން ފުރައިގެން ރ.އަލިފުއްޓަށް ދަތުރުކުރި ޑިންގީއެއް، އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 17:06 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާިފައެވެ.

މި ހާދިސާގައި ޑިންގީގެ އިންޖީނު ހުއްޓިފައިވަނީ ށ.ކޮމަންޑޫ ފަރު ކައިރިން ދަތުރުކުރަނިކޮށެވެ. ދިގުމިނުގައި 18 ފޫޓު ހުރި މި ޑިންގީގައި 4 މީހުން ތިބި އިރު ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ.

މި ޑިންގީ ކޯސްޓްގާޑް ލޯންޗުގެ އެހީތެރިކަމާއެކު ހދ. މަކުނުދޫއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.