ފަސްދޮޅަސްތިންވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
13 ޖެނުއަރީ 2018 11:09

ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދަށްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ޤާނޫނު އަސާސީއާއި ސިފައިންގެ ޤާނޫނު ލާޒިމުކުރާ މަސްއޫލިއްޔަތު މުސްތަޤިއްލު ގޮތެއްގައި ވަރަށް ފުރިހަމަކަމާއެކު އަދާ ކުރައްވާ މުއައްސަސާއެއްކަމަށެވެ. އަދި ދިވެހި ފަޚުރުވެރި ސިފައިންނަކީ ދިވެހި ޤައުުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި އެންމެ ވަރުގަދަ އައްޑަނަ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ. އިތުރަށް ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ސިފައިންނަކީ ޤައުމީ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގައި، އަމިއްލަ ފުރާނައަށްވުރެ ޤައުމު އިސްކޮށްގެން މި ޤައުމުގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރަންތިބި މި ޤައުމުގެ އެންމެ ފަޚުރުވެރި ލަޝްކަރު ކަމަށެވެ.

63 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ނިޔާޒްއެވެ. މިކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަބްދުﷲ އަބާންއެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށްދޭ ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް ތޯޙާ މާދް އެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދޭ ކޮމާންޑަރ މޮޓަރ ހަސަން މަނިކުގެ އެވޯޑް ޕްރައިވެޓް ޢަލީ ނަޖާޝީ ނިޒާރު ހާސިލްކޮށްފައިވާއިރު މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް ނިޢުމާ ޢަބްދުއްރަޙްމާނެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރުވަނީ ލަޝްކަރު ބަލާ ފާސްކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ޢަޒުމް ލައިދެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ.

މިރަސްމިއްޔާތު ނިމިގެން ދިޔައި ސިފައިންގެ ލަވަ އާއި ޤައުމީ ސަލާމަށްފަހު 63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ފާސްވެ ހިނގާދިޔުމުންނެވެ.

63 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޝިހާމްއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.