ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުންދިޔަ "ނޫރު" ދޯނީގެ ޚަބަރެއް ވެއްޖެ
12 ޖެނުއަރީ 2018 12:40

މަސްވެރިކަމަށް ނުކުތްފަހުން ޚަބަރެއް ނުވެގެން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުންދިޔަ "ނޫރު" ދޯނީގެ ޚަބަރެއް ވެއްޖެއެވެ.

އެގާރަ މީހުންނާއެކު މަސްވެރިކަމަށް ނުކުތް މިދޯންޏާއި މިރޭ 09:00 ހާއިރު ގުޅުނުއިރު އެ ދޯނި އޮތީ ކ.ދިއްފުށީ ބޮޔާ ހިސާބުގައެވެ. އަދި މި ދޯނި މިރޭ ދަންވަރު 01:00 ހާއިރު ކ.ހިއްމަފުއްޓަށް ވަދެވޭނެކަމަށް ދޯނީގެ ކެޔޮޅު އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައި ވެއެވެ. މި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި މި ދޯންޏާއި ނުގުޅުނީ ބޭރުގައި މަސްވެރިކަން ކުރަން އުޅުމުގެ ސަބަބުން ކަމުގައި ދޯނީގެ ކެޔޮޅު އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައި ވެއެވެ.

މަސް ދޯނިފަހަރު ޚަބަރެއް ނުވުމުގެ މަސައްލައަކީ އެމްއެންއެންޑީ އެފް ކޯސްޓްގާޑުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާކަމެކެވެ. އަދި މިފަދަ އުޅަނދެއް ޚަބަރެއް ނުވެގެން ހޯދުމަށްޓަކައި އެމްއެންޑީއެފުން ކުރާ މަސައްކަތްތަކުގައި ވަރަށް ގިނަ ވަސީލަތްތަކެއް ބޭނުންކުރަން ޖެހެއެވެ.

ދިވެހިރާއްޖޭގެ ހުރިހާ އޮޑިވެރިންނާއި ކެޔޮޅުންނާއި އަދި ފަޅުވެރިންނާއި ޖުމްލަކޮށް ހުރިހާ މަސްވެރިން، އެމީހުން މަސްވެރިކަމުގައި ހޭދަކުރާވަގުތު އާއިލާއަށް ގުޅައި އެމީހުންނަށް ޚަބަރުތައް ހިއްސާކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރަމެވެ. ހަމަ އެހެންމެ ޚަބަރެއް ނުވެ ފާއިތުވެގެންދާ ދުވަސްތަކަކީ އާއިލާއަށް ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލު ކުރަންޖޭ ވަގުތުތަކަކަށް ވާތީވެ، މަސްވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުން އެމީހުންގެ އާއިލާތަކަށް ނުތަނަވަސްކަން ތައްހައްމަލުވިޔަ ނުދީ އެހީތެރިވެދެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ. މިފަދަ ކަންކަމުގައި ގިނަ މަސްވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ.