މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދަން ފަށައިފި
10 ޖެނުއަރީ 2018 11:13

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ތ.ބުރުނީ "ނޫރު" ނަމަކަށް ކިޔާ މި ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު  ހދ. ނޮޅިވަރަމާއި ދިމާ ބޭރުގައި ވަނިކޮށް ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

11 ދިވެހިންނާއިއެކު މަސްވެރިކަމު ނިކުތް މި ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މަޢުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 08:33 ހާއިރުއެވެ. 65 ފޫޓުގެ މިދޯނީގެ ބޭރުގައި ވަނީ މަޑު ނޫކުލައިގެ ދަވާދު ލާފައެވެ. އަދި މި ދޯނީގެ ގެ ގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މައުލޫމާތުލިބިފައެވެ.

މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ.