މާލެއިން ފުރައިގެން ގދ.އަތޮޅަށް ދަތުރުކުރި ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
06 ޖެނުއަރީ 2018 06:46

މާލެއިން ފުރައިގެން ގދ.އަތޮޅަށް ދަތުރުކުރި "ހިބަރު" ނަމަކަށް ކިޔާ ދޯންޏެއް ތ.ކަޅު ފަހަލަފުށި ކިޔާ ފަޅުރަށެއްގެ އިރުމަތީ ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 03:08 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް، ޑަރިވަރުންނާއެކު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ފަރަށް އެރި ދޯނީގައި ވާ ޖަހައި، ދޯނި ފުންކުރުމަށްޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި ފަރަށް އެރި "ހިބަރު" ދޯންޏަކީ 85 ފޫޓުގެ މުދާ އުފުލާ ދޯންޏެކެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި 9 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 5 ބިދޭސީންނެވެ. އަދި މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.