ޅ. ހިންނަވަރު ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ނިއްވާލައިފި
05 ޖެނުއަރީ 2018 15:10

ޅ. ހިންނަވަރު ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ގާތްގަނޑަކަށް 13:45 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންގެ ޓީމެއް ވަނީ ހަރަކާތްތެރިވާ ފަށާފައެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރަމަނުން ކުރި މަސައްކަތުން މިހާދިސާގައި ރޯވި އަލިފާން ނިއްވާލާފައިވަނީ 14:30 ހާއިރުއެވެ.

މި ހާދިސާގައި ރޯވެފައިވަނީ ޅ.ހިންނަވަރު ގޮނޑު ސަރަޙައްދުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ ގުދަނެއްގައެވެ. މި ގުދަނަކީ ގޮނޑުން ހޮވާ ބައެއް ތަކެތި ރައްކާކުރުމަށް ބޭނުންކުރެވޭ ގުދަނެއްކަމަށާއި އަލިފާން ރޯވުމާ ގުޅިގެން ގުދަނުގައި ހުރި ސާމާނު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.