އިންޖީނު ހުއްޓުނު ބޯޓަކަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
04 ޖެނުއަރީ 2018 09:57

ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިރޭ 18:08 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. "ދިނަށަ" ކިޔާ މި ބޯޓްގެ އިންޖީނު ހުއްޓިފައިވަނީ އިންޖީނުގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން އަޑީތެޔޮ ހުސްވެގެން މ.އަތޮޅު ތުވަރާއި ތިން މޭލު ބޭރުންނެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ މ.މުލަކަށް ގޮސް އަޑީތެޔޮ ހޯދައި އެ ބޯޓަށް އެ ތެޔޮ ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިބޯޓް މިހާރު ދަނީ މ.އަތޮޅު ކޮޅުފުއްޓަށް ދިއުމަށް ދަތުރު ކުރަމުންނެވެ.

މިހާދިސާ ހިނގިއިރު އެ ބޯޓުން 3 ދިވެހިންނާއި 4 ބިދޭސީންނާއެކު ޖުމްލަ 7 ފިރިހެނުން ދަތުރުކުރިއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.