އެމްއެންޑީއެފް ނޮދަން އޭރިއާއިން ހއ. ދިއްދޫގައި ހިންގި 12 ވަނަ މޫދު ކަސްރަތު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި
03 ޖެނުއަރީ 2018 09:09

ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހއ. ދިއްދޫގައި ކުރިއަށްގެންދިޔަ 12 ވަނަ މޫދު ކަސްރަތު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ދިއްދޫ ގޮނޑުދޮށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ. އަދި، ޕްރޮގްރާމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް އެމްއެންޑީއެފްއިން ދޭ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މީގެ އިތުރުން "މޫދު ކަސްރަތުން އުފާވެރިކަން" މި ޕްރޮގްރާމުގެ މުދައްރިބަށް ވަނީ ހަނދާނީ ފިލާއެއް ހަވާލުކޮށްފައެވެ. މި ފިލާ ސާޖަންޓް ފަސްޓް ކުލާސް އިސްމާޢީލް އަޙްމަދު އާ ހަވާލުކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސެއިންއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްވަނީ ވާހަކަފުޅު ދައްކަވާފައެވެ.

"މޫދު ކަސްރަތުން އުފާވެރިކަން" މި ނަމުގައި 2017 ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން މިމަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އެ ރަށުގެ 11 އަހަރާއި 70 އަހަރާ ދެމެދުގެ، ދެޖިންސްގެ 230 ބައިވެރިން ބައިވެރިވެފައި ވެއެވެ. މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ހއ.ދިއްދޫ ކައުންސިލް އިދާރާ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް އިސްމާޢީލް އަޙްމަދެވެ.

މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދު އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި ހއ. ދިއްދޫ ކައުންސިލް އިދާރާގެ އިސް ވެރިންނާއި ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.

ހއ.ދިއްދޫގައި މި ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" މި ޕްރޮގްރާމަކީ މި ސިލްސިލާގެ 12 ވަނަ ޕްރޮގްރާމެވެ. މީގެ ކުރިންވެސް ހއ ގެ އިތުރުން ކ އަތޮޅާއި މ އަތޮޅާއި ފ. އަތޮޅާއި ދ.އަތޮޅާއި ތ.އަތޮޅުގެ ބައެއް ރަށްތަކުގައި މި ޕްރޮގްރާމް ހިންގާފައިވެއެވެ. އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި މާލޭގެ ބައެއް ކޯޓުތަކުގެ މުވައްޒަފުންނަށްވެސް މި ޕްރޮގްރާމް ހިންގާފައިވެއެވެ.