ތޫފާން އޯޗީ އާއި ގުޅިގެން އިންޑިއާއިން ގެއްލުނު މަސްބޯޓުތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
31 ޑިސެމްބަރ 2017 14:05

ތޫފާން އޯޗީ އާއި ގުޅިގެން އިންޑިއާއިން ގެއްލުނު މަސްބޯޓުތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ އިންޑިއާގެ މަސްބޯޓުތައް ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓުގާޑުން ކުރިއަށް ގެންދަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެންނެވެ. އަދި ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ސްރީލަންކާ ކޯސްޓްގާޑުގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުންނެވެ.

ތޫފާން އޯޗީގައި ގެއްލުނު އިންޑިއާގެ މަސްބޯޓުތައް ހޯދުމުގައި އިންޑިއާގެ ޓެމިލް ނާޑޫގެ މަސްވެރި ޖަމާއަތަކުން، އިންޑިއާގެ ކޮމާޝަލް 8 ބޯޓެއް 36 މީހުންނާއި އެކު ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އިންޑިއާގެ އެމްބަސީ އިން އެމްއެންޑީއެފް އާއި ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ކަނޑުމަތިން ހާލުގައި ޖެހިފައިވާ މަސްބޯޓެއް ފެނޭތޯ ބައްލަވައިދެއްވުމަށާއި މިފަދަ އުޅަނދެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުންވުން އެދެމެވެ.