ގެއެއްގެ ފާޚާނާއެއްގެ ތެރޭގައި ތާށިވި ކުއްޖަކާއި ކޮޓަރިއެއްގައި ތާށިވި ދެ ކުޑަކުއްޖަކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސަލާމަތްކޮށްދީފިއެވެ.
މިދެ ޙާދިސާގެ ތެރެއިން ބަނޑޭރިކޮށި 225 ނަމްބަރު ގޭ ފާޚާނައިގައި އެތެރެއިން ދޮރުތަޅުލެވިގެން ތާށިވެފައިވަނީ ޢުމުރުން 06 އަހަރުގެ ކުޑަކުއްޖެކެވެ. މިކުއްޖާ ފާޚާނައިގައި ތާށިވެގެން އުޅޭކަމުގެ ރިޕޯޓް މިއަދު 15:43 ހާއިރު ލިބުމާއި ގުޅިގެން އެގެއަށް ގޮސް، ތަޅުލެވިފައިވާ ފާޚާނައިގެ ދޮރަށް ގެއްލުމެއްް ނުދީ ޓޫލްސް ބޭނުންކޮށްގެން ދޮރު ހުޅުވައިދީ އެ ކުއްޖާ ސަލާމަތްކޮށްދެވިފައިވާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.
މީގެއިތުރުން ހ. އާއިލް ގޭ ކޮޓަރިއެއްގެ ތެރޭގައި އެތެރެއިން ތަޅުލެވިގެން ޢުމުރުން 02 އަހަރުގެ ކުއްޖަކު ތާށިވެގެން އުޅޭކަމުގެ ރިޕޯޓް މިއަދު 17:25 ހާއިރު ލިބުމާއި ގުޅިގެން، އެގެއަށް ގޮސް، ދޮރުހުޅުވައިދީ އެ ކުއްޖާ ސަލާމަތްކޮށްދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.
ކ.ކާށިދޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ މާބަނޑު އަންހެނަކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު މާލެ ގެނެސްދީފިއެވެ.
ކޯސްޓްގާޑް އިސްކަންދަރު ލޯންޗްގައި މިއަދު ހެނދުނު ގާތްގަނޑަކަށް 09:40 ހާއިރު، މާލެ ގެނެސްދީފައިވަނީ ޅ.ނައިފަރު ސައިމާގޭ އުމުރުން 20 އަހަރުގެ އައިމިނަތު އަޚްލާމް އެވެ. މިބަލީމީހާއަކީ މާބަނޑުވުމުގެ ސަބަބުން ސިއްޚީ މައްސަލަތަކެއް ދިމާވެ، ކާށިދޫ ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން އިތުރު ފަރުވާއަށް މާލެގެންދިއުމަށް ލަފާދެއްވާފައިވާ ބަލިމީހެކެވެ. އަދި މިބަލިމީހާ މާލެގެނެސްދީފައިވަނީ ކާށިދޫ ކައުންސިލްގެ އިދާރާއިން އެމްއެންޑީއެފް މާލެ އޭރިއާގައި އެދިލެއްވުމާ ގުޅިގެންނެވެ.
މިބަލިމީހާ މާލެގެނެސް މިއަދު ހެނދުނުވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.ޙަރޙ
ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރާގައި ކަނޑުގަދަވެ ވައިގަދަވުމުގެ ސަބަބުން، އިއްޔެ ހަވީރު ވިލިމާލޭ ހުޅުނގުފަރާތު ކުނިގޮނޑު ސަރަޙައްދަށް އުދައެރުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން އެޙީތެރިކަން ފޯރުކޮށްދީފިއެވެ.
މިހާދިސާގެ މަޢުލޫމާތު ރޭ ގާތްގަނޑަކަށް 18:15 ހާއިރު، އެފްއާރުއެސްއަށް ލިބުމާ ގުޅިގެން، ވިލިނގިލީ ފަޔަރ ޓްރެއިނިންގ ސްކޫލާއި، މާލެ އޭރިއާގެ ސިފައިންނާއި އަދި ފުލުހުން ގުޅިގެންކުރި މަސައްކަތުން، ރަށުތެރެއަށް އުދައަރަމުން އަންނަ ސަރަޙައްދުތަކުގައި 10 ލޮރީގެ ވެލިބަސްތާޖަހައި، ކުންޏާއި ލޮނު ގޭގެއަށް ނުވަންނާނެހެންވަނީ ރައްކާތެރި މާހައުލެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން މަޢުލޫމާތު ދެއްވައެވެ.
މިދުވަސްވަރަކީ، ރާއްޖެއަށް މޫސުން ގޯސް ވިއްސާރަ ދުވަސްވަރަކަށްވެފައި، ކުރިއަތްއޮތް 24 ގަޑައިރު ތެރޭގައިވެސް، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރާކަމަށާއި، މިހެންކަމުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައެވެ.
މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން، ވައިޖެހޭނަކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި، ހުޅަނގުން މެދު ރާއްޖެތެރެއާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އަދި މީގެ އިތުރުން، ވިލާގަނޑުގައި، ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވާނެކަމަށް ލަފާކުރާކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.
މިހެންކަމުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދެވެފައި، އެހެން ހިސާބުތަކުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ވިލާގަނޑުގައި އުތުރުރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، ޢާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަކޮށް މޫސުމަށް ސަމާލުވުމަށާއި އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ފުރުމުގެ ކުރިން ކޮމިޔުނިކޭޝަން ޓެސްޓް ކުރައްވައި، މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށްވެސް އެމްއެންއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައެވެ.
މއ.އަލިހަނދު ގޭގެ ކޮޓަރިއެއްގެ ތެރޭގައި އުމުރުން 36 އަހަރުގެ އަންހެނަކު ތާށިވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން މިއަންހެންމީހާ ސަލާމަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިހާދިސާގެ މަޢުލޫމާތު މިރޭ ގާތްގަނޑަކަށް 21:00 ހާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ލިބުމާ ގުޅިގެން، މއ.އަލިހަނދުގެއަށްގޮސް މިއަންހެންމީހާ ތާށިވެފައިހުރި ކޮޓަރީގެ ދޮރު ހުޅުވައިދީ، ކޮޓަރިތެރޭގައި ތާށިވެފައިހުރި މިއަންހެންމީހާ އެފްއާރުއެސްގެ ސިފައިންވަނީ ސަލާމަތްކޮށްފައެވެ. މިހާދިސާ ހިނގަންދިމާވީ، ތަޅު މައްސަލަޖެހި، ކޮޓަރީގެ ދޮރު ނުހުޅުވުމުގެ ސަބަބުންނެވެ.
މިހާދިސާގައި މިއަންހެންމީހާ އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.