އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހޭނައްތާ ޑޮކްޓަރެއްގެ ޚިދުމަތް މިއަދުން ފެށިގެން ދޭން ފަށައިފިއެވެ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަޑް) މުޙައްމަދު ނާޒިމް އޭޕްރީލް މަހުގެ 14 އިން 19 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅުގައި ހޭނައްތާ ޑޮކްޓަރެއްގެ ދަތިކަން އައިޖީއެމްއެޗަށް ކުރިމަތިވެފައިވާތީ އިންޑިޔާ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ.
މިމަޝްވަރާތަކުގެ ދަށުން އިންޑިއާ ސަރުކާރުންވަނީ އެމްއެންޑީއެފްގެ ހޮސްޕިޓަލް "ސެނަހިޔާ" އަށް ހޭނައްތާ ޑޮކްޓަރެއް ފޮނުވާފައެވެ. މިޑޮކްޓަރު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ. މިގޮތުން މިއަދުން ފެށިގެން އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އިންޑިއާގެ ހޭނައްތާ ޑޮކްޓަރަކީ ލެފްޓިނަންޓް ކާނަލް ޑރ. ސަޕްރާ އަދިތުޔާއެވެ.
މިމަހުގެ 19 އިން 23 އަށް ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދާ "ގްލޯބަލް ޕްލެޓްފޯރމް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން" ގެ 4 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ޖެނީވާއަށް ފުރާވަޑައިގަންނަވައިފިކަމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން ހާމަކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީއިން ހާމަކުރައްވާގޮތުގައިގްލޯބަލް ޕްލެޓްފޯރމް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންއަކީ، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. މިފޯރަމްގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދާއިރާއިން މައުލޫމާތު ދިނުމާއި ތަޖުރިބާ ބަދަލުކޮށް، އެއްޤައުމު އަނެއް ޤައުމަށް މިދާއިރާއިން އެހީތެރިވެވޭނެ ގޮތްތައް ދެނެގަތުމަށްޓަކައި ދުނިޔޭގެ ހުރިހާ ޤައުމުތަކާއި ބައިނަލް އަޤްވާމީ ޖަމާއަތްތަކުން ބައިވެރިވާނެއެވެ.އަދި މިއީ ދުނިޔޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ބައްދަލުވުންކަމަށްވެސް ޑިފެންސް މިނިސްޓްރީން ހާމަކުރައްވައެވެ.
މިފޯރަމްގެ އެޖެންޑާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާއްޞަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ވާހަކަފުޅު ދައްކަވާގޮތަށް ހަމަޖެހިފައިވުމާއި އަދިމިފޯރަމްގައި ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާނެއް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް އިއްވަވާނެކަމަށްވެސް ޑިފެންސް މިނިސްޓްރީއިން މައުލޫމާތު ދެއްވައެވެ.
މިބައްދަލުވުމުގައި ހިމެނޭ އެކި އެކި ސެޝަންތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ސްވިޓްޒަރލޭންޑް، ސްރީ ލަންކާ، ޖަޕާން، ވަރލްޑް ބޭންކް، އޭޝިއަން ޑިޒާސްޓަރ ޕްރިޕެއަރޑްނަސް ސެންޓަރ އަދި ބިއުރޯ ފޮރ ކްރައިސިސް ޕްރިވެންޝަން އެންޑް ރިކަވަރީގެ ވަފްދުތަކުގެ އިސްބޭފުޅުންނާ މިނިސްޓަރ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމުގައި ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
ގްލޯބަލް ޕްލެޓްފޯރމް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ 4 ވަނަ ސެޝަންގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމްގެ އިތުރުން ބައިވެރިވެ ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބު އަލްފާޟިލާ ފާތިމަތު ތަސްނީމް ކަމަށްވެސް ޑިފެންސް މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ.
މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި ޅ.ކުރެންދޫގެ ވިހިގޯތި ހިމެނޭ ސަރަޙައްދެއްގައި ފެންބޮޑުވެ، އެއްގެއަށް ފެންވަނުމާއި ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާއިން ޙަރަކާތްތެރިވެއްޖެއެވެ.
މިހާދިސާ މަޢުލޫމާތު މިއަދު މެންދުރު އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މަޑިވަރަށް ލިބުމާ ގުޅިގެން، ފެންހިއްކުމަށް ބޭނުންކުރާ ޕަންޕާއެކު ނޮދަން އޭރިއާއިން ސިފައިންގެ ޓީމެއްވަނީ މިއަދު މެންދުރުފަހު، ގާތްގަނޑަކަށް 14:00 ހާއިރު ޅ.ކުރެންދޫއަށްގޮސް ފެންހިއްކުމުގެ މަސައްކަތް ފަށާފައެވެ.
މިގޮތުން، ކުރެވުނު މަސައްކަތުން، އެރަށުގެ ވިހިގޯތި ހިމެނޭ ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކައި ނިމިފައިވަނީ މިރޭ ގާތްގަނޑަކަށް 20:00 ހާއިރުއެވެ. މީގެ ތެރެއިން އެއް ގެއަށް ފެން ވަދެފައިވާކަމަށާއި، އަދި މިހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް ނޮދަން އޭރިއާއިން މަޢުލޫމާތު ދެއްވައެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެގެން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މިއަދު ފަށައިފިއެވެ.
މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ދެ ސަރަޙައްދެއްގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ދަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
މިގޮތުން ކުރަމުންދާ މަސައްކަތުގައި މިއަދު ހަވީރު ހަތަރެއްޖަހާ އެހާކަންހާއިރުން ފެށިގެން މާފަންނު އަމީނީމަގު ޣިއާޒުދީން ސްކޫލް ހިމެނޭ ސަރަޙައްދާއި މާފަންނު ހުޅުނގު ފަރާތު ވެސްޓްޕާކް ހިމެނޭ ސަރަޙައްދުގައި ޕަމްޕަ ޖައްސައިގެން އެ ދެ ސަރަޙައްދުން ފެންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.
މއ. ކިސްމީރީވިލާގައި ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު (އެފްއާރުއެސް) އިން މިއަދު ޙަރަކާތްތެރިވެއްޖެއެވެ.
މިޙާދިސާގެ ރިޕޯޓް މިއަދު 16:55 ހާއިރު ލިބުމާއި ގުޅިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން އެ ގެއަށްގޮސް، ބެލިބެލުމުން އަލިފާން ރޯވުމުގެ ސަބަބުން ދުން އަރަމުންދަނީ ކިސްމިރީވިލާ ގޭ ކައިރީގައި ހުރި ފަޅުގެއެއް ކަމަށްވާ މއ. ދަހަމަލަ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަރަންޓް ނަރުތަކެއްގައި ރޯވެގެން ކަމަށާއި ނަމަވެސް އެގޭތެރެއަށްވަދެ ބެލިބެލުމުން ކަރަންޓް ނަރުތަކުގައި ރޯވި އަލިފާން ނިވިފައިވާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.
މިޙާދިސާގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.