މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި ޅ.ކުރެންދޫގެ ވިހިގޯތި ހިމެނޭ ސަރަޙައްދެއްގައި ފެންބޮޑުވެ، އެއްގެއަށް ފެންވަނުމާއި ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާއިން ޙަރަކާތްތެރިވެއްޖެއެވެ.
މިހާދިސާ މަޢުލޫމާތު މިއަދު މެންދުރު އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މަޑިވަރަށް ލިބުމާ ގުޅިގެން، ފެންހިއްކުމަށް ބޭނުންކުރާ ޕަންޕާއެކު ނޮދަން އޭރިއާއިން ސިފައިންގެ ޓީމެއްވަނީ މިއަދު މެންދުރުފަހު، ގާތްގަނޑަކަށް 14:00 ހާއިރު ޅ.ކުރެންދޫއަށްގޮސް ފެންހިއްކުމުގެ މަސައްކަތް ފަށާފައެވެ.
މިގޮތުން، ކުރެވުނު މަސައްކަތުން، އެރަށުގެ ވިހިގޯތި ހިމެނޭ ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކައި ނިމިފައިވަނީ މިރޭ ގާތްގަނޑަކަށް 20:00 ހާއިރުއެވެ. މީގެ ތެރެއިން އެއް ގެއަށް ފެން ވަދެފައިވާކަމަށާއި، އަދި މިހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް ނޮދަން އޭރިއާއިން މަޢުލޫމާތު ދެއްވައެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެގެން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މިއަދު ފަށައިފިއެވެ.
މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ދެ ސަރަޙައްދެއްގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ދަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
މިގޮތުން ކުރަމުންދާ މަސައްކަތުގައި މިއަދު ހަވީރު ހަތަރެއްޖަހާ އެހާކަންހާއިރުން ފެށިގެން މާފަންނު އަމީނީމަގު ޣިއާޒުދީން ސްކޫލް ހިމެނޭ ސަރަޙައްދާއި މާފަންނު ހުޅުނގު ފަރާތު ވެސްޓްޕާކް ހިމެނޭ ސަރަޙައްދުގައި ޕަމްޕަ ޖައްސައިގެން އެ ދެ ސަރަޙައްދުން ފެންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.
މއ. ކިސްމީރީވިލާގައި ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު (އެފްއާރުއެސް) އިން މިއަދު ޙަރަކާތްތެރިވެއްޖެއެވެ.
މިޙާދިސާގެ ރިޕޯޓް މިއަދު 16:55 ހާއިރު ލިބުމާއި ގުޅިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން އެ ގެއަށްގޮސް، ބެލިބެލުމުން އަލިފާން ރޯވުމުގެ ސަބަބުން ދުން އަރަމުންދަނީ ކިސްމިރީވިލާ ގޭ ކައިރީގައި ހުރި ފަޅުގެއެއް ކަމަށްވާ މއ. ދަހަމަލަ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަރަންޓް ނަރުތަކެއްގައި ރޯވެގެން ކަމަށާއި ނަމަވެސް އެގޭތެރެއަށްވަދެ ބެލިބެލުމުން ކަރަންޓް ނަރުތަކުގައި ރޯވި އަލިފާން ނިވިފައިވާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.
މިޙާދިސާގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.
ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޙާލަތު ދެނެގަތުމަށް ބޭއްވޭ ތިން ދުވަހުގެ ސެމިނަރއެއް ކުރުނބާ މޯލްޑިވްސްގައި މިއަދު ފަށައިފިއެވެ.
އެމެރިކާ ސަރުކާރާއި ދިވެހި އަސްކަރިއްޔާ ގުޅިގެން 2013 މެއި 21 އިން 23 އަށް ކުރިއަށް ގެންދާ މި ސެމިނަރ ފެށިގެންދިޔައީ ކީރިތި ޤުރުއާންގެ ބަރަކާތުންނެވެ. އެއަށްފަހު މަރުޙަބާ އާއި ޝުކުރު ދެންނެވީ ޕްރިންސިޕަލް ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ ލެފްޓިނަންޓް ކާނަލް ޢަބްދުއްރަޢޫފް އެވެ.
'' ސެމިނަރ އޮން ރިފައިނިންގ ކައުންޓަރ ޓެރަރިޒަމް ސްޓްރެޓެޖީ'' ގެ ނަމުގައި ފެށި މި ސެމިނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގިނަ މުއައްސަސާތަކަކުން ބައިވެރިވާ "ސެމިނަރ އޮން ރިފައިނިންގ ދަ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސްޓްރެޓަޖީ" އަކީ ވަރަށް ޝައުޤުވެރި އަދި ބިނާކުރަނިވި ސެމިނާއަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައެވެ. އަދި ސެމިނާގެ ހުރިހާ ބައިވެރިންގެވެސް އަމާޒަކަށް ވާންވާނީ، މި ސެމިނަރގެ ލަނޑުދަނޑިތައްކަމުގައިވާ، މިހާރުގެ މިޤައުމުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސީ މުރާޖަޢާ ކޮށް އިސްލާޙުކުރުމާއި، ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމާއި އަދި ރަނގަޅުގޮތުގައި މިކަންކަން ތަންފީޒުކުރެވޭނެ ގޮތްތަކެއް އެކަށައެޅުމެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ، ޤައުމީ ކައުންޓަރ ޓެރަރިޒަމް ޕޮލިސީއެއް އެކުލަވައިލުމުގެ މަސައްކަތަކީ ވަރަށް ހަލުވިކޮށް ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށާއި ޓެރަރިޒަމްއަކީ ތަފާތު ގޮތްގޮތަށް އަޅުގަނޑުމެންނާއި ކުރިމަތިވާ ނުރައްކަލެއްކަމަށެވެ. މިގޮތުން އިޖްތިމާޢީ-ސިޔާސީ ޙަރަކާތްތަކުގެ ތެރެއިންވެސް ޓެރަރިޒަމްގެ ޢަމަލުތައް ހިނގާކަމަށް އިޝާރާތް ކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ކޮންމެ ގޮތަކަށް ޓެރަރިޒަމްގެ ޢަމަލު ހިންގިކަމުގައިވިޔަސް މިކަމުގެ އާޚިރު ނަތީޖާއަކީ ހަމަ އެއްކަމެއް ކަމަށާއި، އެއީ ޤައުމުގެ އިޖްތިމާއީ ފޭރާން ހަލާކުވުން ކަމުގައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިހާތަނަށް ދިވެހިރާއްޖޭގައި އެހާބޮޑެތި ޓެރަރިސްޓް ޢަމަލުތައް ހިނގާފައި ނެތްނަމަވެސް، ކުރިމަގުގައި ނުހިނގާނެކަމަށް މުޅިން ނިންމައިގެން ތިބެގެން ނުވާނެކަމަށެވެ. އަދި އެފަދަ ކަންކަމަށް އަބަދުވެސް ތައްޔާރަށް ތިބެންވާނެކަމަށާއި، މިކަންކަމާއި ގުޅޭ ތަމްރީނާއި ހުނަރުތައް އަށަގަންނުވައި ރަނގަޅުކުރަންހުރި ކަންތައްތައް ހޯދައި އެފަދަ ޓެރަރިސްޓް ޙަރަކާތްތަކާއި ކުރިމަތިލުމަށް އަޅުގަނޑުމެންގެ ޤައުމު އޮތީ ތައްޔާރީ ޙާލަތުގައިތޯ ކަށަވަރު ކުރަންޖެހޭ ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
މިސެމިނަރގައި ކޮންމެ މުއައްސަސާއަކުން އެ މުއައްސަސާއެއް ތަމްސީލު ކުރިކަމުގައި ވިޔަސް، ވަކިވަކި މުއައްސަސާތަކުގެ މަސްލަޙަތަށްވުރެ އަބަދުވެސް ޤައުމީ މަސްލަޙަތު އިސްކުރަންޖެހޭނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވީ، މާލީގޮތުންނާއި ސިޔާސީގޮތުން އެކަށީގެންނުވާ ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުނުކުރެވޭފަދަ ފްރޭމްވަރކް އަކުން ޓެރަރިޒަމްއާއި ކުރިމަތިނުލެވޭނެކަމަށެވެ. އަދި މިފަދަ ކަންކަމުގައި މީޑިއާގެ އިސްރޯލުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. މިސެމިނާއިން އުފަންވާ ނަތީޖާއަކީ މިޤައުމުގެ ސިޔާސީ-އިޖްތިމާޢީ ކަންކަމަށް އެކަށީގެންވާނެ ސިޔާސަތަކަށް ވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ޗީފް އޮފް ޑިފެންސް ފޯރސް ވަނީ މިސެމިނަރ ވުޖޫދަށް ގެނައުމުގައި އެހީތެރިވެދިން ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން އެމެރިކާ ސަރުކާރަށާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަޑް) މުޙައްމަދު ނާޒިމަށާއި، އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހަރ އެކްސެލެންސީ މިޝައިލް ޖޭ ސިސޮން އަށާއި، ސެންޓަރ ފޮރ ސިވިލް މިލިޓަރީ ރިލޭޝަންސް ގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޕައުލް ކްލާކް އަދި ޑރ. ބްރެޑް ސަލްޒަރ، އެމްއެންޑީއެފް އިން މިކަން ރާވައި ހިންގެވުމުގައި ޙަރަކާތްތެރިވެލެއްވި އެންމެހާ ބޭކަލުންނަށާއި ސެމިނާގެ ބައިވެރިންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ސެމިނަރގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި މިނިސްޓްރީ އޮފް ހޯމްއެފެއަރޒް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް އާއި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިތުރުން، އެޓާނީ ޖެނެރަލް އޮފީހުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގެއެއްގެ ފާޚާނާއެއްގެ ތެރޭގައި ތާށިވި ކުއްޖަކާއި ކޮޓަރިއެއްގައި ތާށިވި ދެ ކުޑަކުއްޖަކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސަލާމަތްކޮށްދީފިއެވެ.
މިދެ ޙާދިސާގެ ތެރެއިން ބަނޑޭރިކޮށި 225 ނަމްބަރު ގޭ ފާޚާނައިގައި އެތެރެއިން ދޮރުތަޅުލެވިގެން ތާށިވެފައިވަނީ ޢުމުރުން 06 އަހަރުގެ ކުޑަކުއްޖެކެވެ. މިކުއްޖާ ފާޚާނައިގައި ތާށިވެގެން އުޅޭކަމުގެ ރިޕޯޓް މިއަދު 15:43 ހާއިރު ލިބުމާއި ގުޅިގެން އެގެއަށް ގޮސް، ތަޅުލެވިފައިވާ ފާޚާނައިގެ ދޮރަށް ގެއްލުމެއްް ނުދީ ޓޫލްސް ބޭނުންކޮށްގެން ދޮރު ހުޅުވައިދީ އެ ކުއްޖާ ސަލާމަތްކޮށްދެވިފައިވާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.
މީގެއިތުރުން ހ. އާއިލް ގޭ ކޮޓަރިއެއްގެ ތެރޭގައި އެތެރެއިން ތަޅުލެވިގެން ޢުމުރުން 02 އަހަރުގެ ކުއްޖަކު ތާށިވެގެން އުޅޭކަމުގެ ރިޕޯޓް މިއަދު 17:25 ހާއިރު ލިބުމާއި ގުޅިގެން، އެގެއަށް ގޮސް، ދޮރުހުޅުވައިދީ އެ ކުއްޖާ ސަލާމަތްކޮށްދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މަޢުލޫމާތު ދެއްވައެވެ.