ބައިނަލްއަޤްވާމީ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އިޙުތިޞޯސްގައި ހިމެނޭ ސަރަޙައްދުގެ މުހިންމުކަން ބޮޑު: ޑިފެންސް މިނިސްޓަރ

ތާރީޚް: 25-11-2022, 19:00


ދިވެހިރާއްޖޭގެ ސަރަޙަދުގެ ތެރެއިން ހުރަސްކުރާ، ސީ ލޭން އޮފް ކޮމިއުނިކޭޝަންގެ ގޮތުގައި ބެލެވޭ ތިން ސަރަޙައްދެއް އެމްްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ސަރަޙައްދުގެ ތެރޭގައި އެބައޮތް ކަމަށާއި، އެހެންކަމުން، ބައިނަލްއަޤްވާމީ ގޮތުން ވެސް ސަދަން އޭރިއާ ކޮމާންޑްގެ އިޙުތިޞޯސްގައި ހިމެނޭ ސަރަޙައްދުގެ މުހިންމުކަން ބޮޑުވެގެންދާ ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

"ދިވެހިރާއްޖޭގެ ސަރަޙަދުގެ ތެރެއިން ހުރަސްކުރާ، ސީ ލޭން އޮފް ކޮމިއުނިކޭޝަންގެ ގޮތުގައި ބެލެވޭ ތިން ސަރަޙައްދެއް ސަދަން އޭރިއާގެ ސަރަޙައްދުގެ ތެރޭގައި އެބައޮތް. އެއީ އައްޑޫގެ ތިރިންނާއި ހުވަދު އަތޮޅުގެ މަތިން، އަދި އިކުއެޓޯރިއަލް ޗެނަލް". އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ (ނޮވެމްބަރ 24 ވަނަ ދުވަހުގެރޭ) އެ ކޮމާންޑް ހެޑްކްއޯޓަރޒް، ސ.ގަމުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އޮތް ލޮކޭޝަންގެ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން، ވަރަށް ގިނަ ހާދިސާތައް ވެސް މި ސަރަޙައްދުގައި ގިނަ ކަމަށާއި، މި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެކަނި ވެސް، ކަނޑުމަތީގައި ހާލުގައި ޖެހިގެން އެހީތެރިވުމުގެ 40 އޮޕަރޭޝަން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހިންގިއިރު، 148 އަލިފާނުގެ ޙާދިސާއަށް ޙަރަކާތްތެރިވާ ޖެހުނު ކަމަށެވެ. އަދި، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިސާތަކުގެ އަސަރު ކުރާ ރަށްތައް އެ ސަރަޙައްދުގައި ވެސް ހިމެނޭކަން ފާހަގަކުރައްވައި، އެކަމަނާ ވިދާޅުވީ، އިންޓަރނޭޝަނަލް މެޑިވެކް އޮޕަރޭޝަންތައް ވެސް ހިމެނޭހެން، ސީއެމްބިއުލާންސާއި ހެލިކޮޕްޓަރ މެދުވެރިކޮށް 600 އެއްހާ މެޑިވެކް އޮޕަރޭޝަން އެ އޭރިއާ ކޮމާންޑުން އެކަނިވެސް މިދިޔަ އަހަރެއްހާ ދުވަހު ހިންގާފައިވާ ކަމަށެވެ.

"އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިމެނޭހެން ފަސް އެއަރޕޯޓާއި، އިންޓަރނޭޝަނަލް ސީ ޕޯޓް (މި ސަރަހައްދުގައި) އެބައޮތް. މި ހުރިހާ ކަންކަމަކަށް ޙަރަކާތްތެރިވާން ވެސް، މި އިންފްރާސްޓްރަކްޗަރތައް ބަލަހައްޓަން ވެސް، މިތިބީ ހަމަ ސިފައިން. މި ހުރިހާ ކަންކަމަށް ސިފައިން ތިބެނީ ވެސް އަދި ތިބެންޖެހޭނީ ވެސް ތަމްރީނުވެ ތައްޔާރުވެގެން ކަމަށް ރައްޔިތުން ދެކޭ." ވާހަކަފުޅު ކުރިއަށްގެންދަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރައްޔިތުން، ސިފައިންނާ މެދު ދެކޭގޮތަކީ ކޮބައިކަން ދެނެގަނެ، އެފަދަ ބައެއްގެ ގޮތުގައި ތިބުމަކީ، ސިފައިންނާ މެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުކޮށް ދެމެހެއްޓުމަށް މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. މިގޮތުން، ޢާންމު ރައްޔިތުން ދެކޭ ގޮތުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް ފަސްޓް އެއިޑަރެއް ކަމަށާއި، ސިފައިންގެ މީހަކު ހުރި ތަނެއްގައި މީހަކަށް ކަމެއް ވެއްޖިއްޔާ އެވަގުތު ކަންކުރަންވީ ގޮތް އޭނާއަށް އެނގެންޖެހޭ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ގިނަ ރައްޔިތުންގެ ނަޒަރުގައި ސިފައިންގެ ކޮންމެ މީހަކީ ވެސް ރެސްކިއު ސްވިމަރެއް ނުވަތަ ލައިފް ސޭވަރެއް ކަމުގައި ފާހަގަކުރެއްވިއެވެ.

"ސިފައިންގެ ކޮންމެ މީހަކީ ވެސް ވަރަށް ފިޒިކަލީ ފިޓް މީހެއް. ކޮންމެ ކަމެއް ވެސް ކުރެވޭނެ.
ސިފައިން ޕެރޭޑް ކުރުމާއި ޑްރިލްއަށް ވަރަށް މޮޅުވާނެ. ހަމަ އެގޮތަށް، ސިފައިންގެ ކޮންމެ މީހަކު ބަޑިޖަހަން ވެސް ވަރަށް މޮޅުވާނެ. މިހެންގޮސް ވަރަށް ގިނަ ކަންކަން ސފައިންނަށް އެނގޭނެކަމަށް ނުވަތަ ވަރަށް ގިނަ ކަންކަމަށް ސިފައިން މޮޅުވާނެކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރޭ. ހަމަ އެހެންމެ، އެމީހުންނަށް ކަމެއްދަމެއް ބޮޑުވެގެން އެހީތެރިކަމަށް އެދިއްޖެނަމަ ސިފައިންގެ ފަރާތުން އެ އެހީތެރިކަމެއް ލިބޭނެކަމަށް ވެސް އެ މީހުން ދެކޭނެ. މިއީ ސިފައިންގެ ފަރާތުން ލިބެންޖެހޭނެ ކަމަށް ރައްޔިތުން ޤަބޫލުކުރާ ޚިދުމަތެއް. އެފަދަ ބަޔަކަށް ވެވޭތޯ ސިފައިން އަބަދުވެސް މަސައްކަތްކުރަން ޖެހޭނެ." ހަފުލާއަށް ހާޟިރުވެ ތިއްބެވި ސިފައިންނާ މުޚާޠަބުކުރައްވައި މިނިސްޓަރ ވިދާޅުވިއެވެ.

މި ހަފުލާގައި މިނިސްޓަރ ވަނީ، ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި، އެމްއެންޑީއެފް ސަދަން އޭރިއާއިން ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ވަރަށް ގިނަ ޙަރަކާތްތައް ހިންގާފައިވާކަން ފާހަގަކުރައްވައި، އެކަމަށް އަލިއަޅުއްވާލައްވާފައެވެ.

"ދާދި ފަހުން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން. ހަރުކަށި ފިކުރު ފެތުރުނަ ނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. އެހެންނަމަވެސް، މުޖުތަމަޢުގައި މިފަދަ ނުރައްކާތައް ފަތުރައި، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެންތިބެ ކެނޑިނޭޅި އެ މަސައްކަތް އެބަކުރޭ." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، މިފަދަ ކަންކަމުގެ މަޢުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ޙަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށާއި، އެ ޤާބިލުކަން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކުރަންޖެހޭ ކަމަށް ދެކިލައްވާ ކަމުގައެވެ. އަދި، ދިވެހިރާއްޖެ ފަދަ ކުޑަ، ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިޤްތިޞާދެއް އޮތް ޤައުމެއްގައި، މިފަދަ ޙާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމެއްކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ، ނޭއްގާނީ ވިސްނުމުގެ މީހުން އެ މީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބަރ ނުވަތަ އިންފޮމޭޝަން ޑޮމޭންގަައި ކަމަށާއި، ޓެކްނޮލޮޖީއާއި މީސްމީޑިއާއަށް އައިސްފައިވާ އިންޤިލާބީ ބަދަލުތަކުގެ ސަބަބުން މިފަދަ ހަރަކާތްތައް ހިންގުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުޞަތު އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިން ވެސް ބަދަލުވަމުން ދާންޖެހޭ ކަމަށާއި، ސިފައިންނަށް ބޭނުންވާ ތަމްރީނާއި އާލާތް ހޯދައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތްކުރައްވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި، އެކަންކަމަށް ބަޖެޓް ހަމަޖެހެމުންދަނީ އެކަމަށް ސީދާ ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ އިސްކަމާއި އަހަންމިއްޔަތުގެ ސަބަބުން ކަމުގައި ފާހަގަކުރެއްވިއެވެ.

ދިވެހި ސިފައިން، ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި، ޤާއިމްކުރެވުނުތާ 29 އަހަރު ފުރުނީ، މިދިޔަ އޮކްޓޯބަރު 6 ވަނަ ދުވަހުއެވެ. ރާއްޖޭގެ އެންމެ ދެކުނުގައި ޤާއިމްކޮށްފައި އޮންނަ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަކީ، ސިފައިންގެ އެންމެ ދުވަސްވީ އެއް އޮޕަރޭޝަނަލް ކޮމާންޑެވެ. އެންމެ ކުރިން އެ ކޮމާންޑް ހުޅުވުނީ، ސިފައިންގެ ޕޯސްޓެއްގެ ގޮތުގައެވެ. އަދި ފަހުން، ރީޖަނަލް ހެޑްކްއޯޓަރޒްއަކަށް ބަދަލުކުރުމަށް ފަހު، މިހާރު އޭރިއާ ކޮމާންޑަކަށް ވަނީ ބަދަލުކޮށްފައެވެ.  

މިގޮތަށް، އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތައް އުފައްދައި ތަރުތީބުކުރަން ފެށުނީ 2009 ވަނަ އަހަރުއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަކީ މާލެ ސަރަޙައްދުން ބޭރުގައި ޤާއިމްކުރެވުނު ފުރަތަމަ އޭރިއާ ކޮމާންޑެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ހަފުލާގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އަޙްމަދު ތާޙިރުއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެލެއްވިއެވެ.