ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި މީހަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 24-09-2022, 22:18


ހުޅުމާލެ ނެރުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި ޒަޚަމްވި މީހަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނިކޮށް ފެނުނީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 113" މިރޭ 18:50 ހާއިރު ހުޅުމާލެ ނެރުން ވަންނަން އައުމުގެ ތެރޭގައެވެ. އަދި، ލޯންޗަކާއި ޑިންގީއެއް ހުޅުމާލެ ނެރުމަތީ މަޑުކޮށްގެން އޮތްތަން ފެނި ސުވާލުކުރުމުން، ޑިންގީއާއި ލޯންޗު ޖެހި، ޑިންގީގައި ހުރި މީހަކު މޫދަށް ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ގޮސްފައިވާކަމަށާއި، އަދި އެ މީހާ ނުނެގިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާއެކު، ކޯސްޓްގާޑު ހާބަރކްރާފްޓްގެ ޑައިވަރެއް ވަނީ ވަގުތުން ފުންމާލަައި، މޫދަށް ވެއްޓުނު މީހާ ސަލާމަތްކޮށްފައެވެ. އަދި، ހާބަރ ކްރާފްޓް 113 ގައި ތިބި ސިފައިންގެ އެހީގައި އެ އުޅަނދަށް އެމީހާ ނެގުމަށްފަހު، ވަނީ އެމްއެންޑީއެފް ކަލާސީނުކޮށްޓަށް ގެންގޮސްދީފައެވެ. އަދި ޒަޚަމްވެފައި އޮތް މީހާ، އެމްއެންޑީއެފްގެ ވެހިކަލެއްގައި މިރޭ 19:00 ހާއިރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.