ލިޓަސް އޮޓޯމޯބައިލްގެ ފަރާތުން އެމްއެންޑީއެފް މެޑިކަލް ކޯރއަށް ދެ ސައިކަލު ހަދިޔާކޮށްފި

ތާރީޚް: 21-10-2021, 07:34


އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ފަސްޓް ރެސްޕޮންޑަރުން، ހާދިސާތަކުގައި ހަރަކާތްތެރިވުމަށް، ލިޓަސް އޮޓޯމޮބައިލްގެ ފަރާތުން އެމްއެންޑީއެފް މެޑިކަލް ކޯރއަށް ދެ ސައިކަލު ހަދިޔާކޮށްފިއެވެ.

ސެނަހިޔަ މިޓަރީ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ލިޓަސް އޮޓޯމޮބައިލްގެ ފަރާތުން މި ދެ ސައިކަލު އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ އަލްފާޟިލް އާޞިފް ރަޝީދެވެ. އެމްއެންޑީއެފްގެ ފަރާތުން މި ސައިކަލާ ހަވާލުވެެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.ލިޓަސް އޮޓޯމޯބައިލްގެ ފަރާތުން އެމްއެންޑީއެފް މެޑިކަލް ކޯރއަށް ހަދިޔާކޮށްފައިވަނީ "ހައޮޖެވް" ބްރޭންޑްގެ ދެ ސައިކަލެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ ސާޖަން ޖެނެރަލް ކާނަލް ޑރ.ޢަލީ ޝާހިދު މުޙައްމަދާއި މެޑިކަލް ކޯރގެ އެހެނިހެން އޮފިސަރުން ބައިވެރިވެލެއްވިއެވެ.