28 އޮގަސްޓް 2008 | ބުރާސްފަތި،
28 އޯގަސްޓް 2008 ވަނަ ދުވަހުގެ 00:33 ހާއިރު ހ. އިރުޒުވާގޭގައި ހުރި އަވަނެއް ގޮވުމުގެ ސަބަބުން އެގޭގައި ދިރިއުޅޭ ފާތުމަތު ސަނާ (16 އަހަރު) ގެ ދެފައި ފިހިއްޖެއެވެ. މިހާދިސާގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް ލިބުމާއިގުޅިގެން ފަޔަރ ފައިޓިންގ ޓީމެއް 00:46 ގައި އެގެއަށް ފޮނުވުނެވެ. މިހާދިސާގައި އަނިޔާލިބުނު ފާތުމަތު ސަނާގެ ދެފައިން %15 - %18 ފިހިފައިވާކަމަށް އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުން މަޢުލޫމާތު ދީފައިވެއެވެ. ހ. އިރުޒުވާގޭގައި ހުރި އަވަން ގޮވަން މެދުވެރިވި ސަބަބެއްކަމަށްވަނީ އަވަން ޖައްސާފައި ހުއްޓާ ގޭސްވަސްދުވާތީ އަވަން ހުޅުވާލުމުންނެވެ. މިހާދިސާގައި އަނިޔާލިބުނު ފާތުމަތު ސަނާއަށް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ގެންދަނީ ފަރުވާދެމުންނެވެ.
10 ޖޫން 2008 | އަންގާރަ
ރޭ ދަންވަރު މާލޭ ކުނިކޮށީގެ ހުޅަނގުން ނީލަން މުދާ ވިއްކުމަށް ޚާއްޞަކޮށްފައިވާ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ރޭ ދަންވަރު ހިނގި މިހާދިސާގެ ރިޕޯރޓް އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް ލިބިފައިވަނީ 23:48 ހާއިރުއެވެ. މިހާދިސާ ހިނގިކަމުގެ ރިޕޯރޓް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް ލިބުމާއި ގުޅިގެން ރޭގެ 23:55 ގައި އެސަރަހައްދަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފައެވެ. މިމަސައްކަތުގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސް އާއި ގުލިގެން މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ބައެއް އާއްމު ފަރާތްތަކުންވެސް ވަނީ އަލިފާން ނިއްވުމުގައި އެހީތެރިވެދެއްވާފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ރޭ 02:30 ހާއިރު ރޯވެފައިވާ އަލިފާނުގެ 85 ޕަސެންޓް ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު 04:30 ގައެވެ. މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސްއާއި، މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ގެންދަނީ ތަޙްޤީޤު ކުރައްވަމުންނެވެ.
30 އޭޕްރިލް 2008 | ބުދަ
ސްޓޭޓްް އިލެކްޓްރިކް ކޮމްޕެނީ ( ސްޓެލްކޯ ) އިމާރާތުގައި ހިނގާފާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި ، ތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުން އަމަލުކުރަންވީ ގޮތް އަންގައިދިނުމުގެ ގޮތުން އިވެކުއޭޝަން ޑްރިލްއެއް ބާއްވައިފިއެވެ. މިއަދުގެ މެންދުރުފަހު 14:00 ގައި ބޭއްވުނު މި އިވެކުއޭޝަން ޑްރިލް އަކީ ސްޓެލްކޯގެ އެދުމުގެ މަތިން އެ އިމާރާތުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ފަރާތުން ހިންގާފައިވާ ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީން ބޭއްވިފައިވަނީ ސްޓެލްކޯ އިމާރާތުގެ އިތުރުން އެ އިމާރާތުގެ އިރަށް އޮންނަ ކުޑަކުދިންގެ ބަގީޗާގައި އެވެ. މިތަމްރީންގެ މަޤްސަދަކީ ސްޓެލްކޯ އިމާރާތުގައި ނުރައްކާތެރި ޙާދިސާއެއް ހިނގައިފިނަމަ އެޙާދިސާއެއްގެ ބޮޑު ކުޑަމިނަށް ބަލާ ތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުން ރައްކާތެރި މާޙައުލަކަށް ސަލާމަތްތެރިކަމާއިއެކު އިވެކުއޭޓް ކުރަންޖެހިއްޖެނަމަ އިވެކުއޭޓްކުރަމަށްޓަކައި ޢަމަލުކުރަންވީގޮތް އަންގައިދިނުމާއި އަދި ޢަމަލީ މައިދާނުގައި އަވަސްކަމާއި ރައްކާތެރިކަމާއެކު މިކަންތައްތައް ކުރަން ދަސްކޮށްދިނުމެވެ. ސްޓެލްކޯ އާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް ގުޅިގެން ހިންގުނު މިތަމްރީން ޕްރޮގްރާމްގައި އިމާރާތް އިވެކުއޭޓް ކުރާނެ ގޮތާއި، އިމާރާތުގައި ހުރި އަލިފާންނިވާ ނިޒާމްތައް ބޭނުންކޮށްގެން އަލިފާން ނިއްވުމަށް މިއިމާރާތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނަށް ވަނީ ދަސްކޮށްދެވިފައެވެ.
28 އޭޕްރިލް 2008 | ހޯމަ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން ރީޖަނަލް ފަޔަރ ސާރވިސްއަށް ހިންގުނު ބޭސިކް ފަޔަރ ފައިޓިންގ ކޯސް 02 ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 2008 އޭޕްރީލް 27 ވަނަ ދުވަހުގެ ރޭ 20:30 ގައި ޏ. އަތޮޅު ސިފައިންގެ މަރުކަޒުގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޓޯލްސް ޑެވެލޮޕްމަންޓްގެ އެގްޒެކްޓިވް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަލީއެވެ. މިރަސްމިއްޔާތުގައި ޏ.އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އަޙުމަދު މޫސާ، ނިލަންދެ އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް މުޙައްމަދު އަނީސް އަދި ފާދިއްޕޮޅު އަތޮޅުވެރިޔާ އަލްފާޟިލް އަޙުމަދު މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމް.އެން.ޑީ.އެފްގެ ބައެއް އޮފިސަރުންނާއި، ޏ.އަތޮޅުގައި ހުންނަ ސަރުކާރު އޮފީސްތަކުގެ އިސް ވެރިންނާއި ޏ.އަތޮޅުގެ ސިފައިންގެ މަރުކަޒުގެ މުވައްޒަފުން ބައިވެރިވިއެވެ. މިކޯހުގެ ބައިވެރިންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން މިނިސްޓްރީ އޮފް ސްޓޭޓް ފޯރ އެޓޯލްސް ޑެވެލޮޕްމަންޓްގެ އެގްޒެކްޓިވް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޢަލީއެވެ. 02 ވަނަ ބޭސިކް ފަޔަރ ފައިޓިންގ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން މުޅި ކޯހުން އެންމެ މޮޅުދަރިވަރަކަށް ހޮވުނީ ޅ. ނައިފަރު/ ދިލްކުސާގެ މުޙައްމަދު ނޫރުﷲ ޢަބްދުﷲ އެވެ. މިރަސްމިއްޔާތުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބްރާސް ބޭންޑް ބައިވެރިވިއެވެ.
11 ޑިސެމްބަރ 2007 | އަންގާރަ
ރޭ ދަންވަރު 02:20 ކަންހާއިރު މ. ދަރަވަންދޫއާގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި. މިހާދިސާގެ ޚަބަރު އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއި ގުޅިގެން ވަގުތުން، އެސަރަޙައްދަށް އެކޯ 2 ވެހިކަލް ފޮނުވާ، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވޭ. މިހާދިސާގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވޭ. މީގެ ތެރޭގައި 14 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ. މީގެ އިތުރުން އެގޭގައި ހުރި ބައެއް ހިފާ ގެންގުޅޭ އެއްޗިއްސާއި، ފަރުނީޗަރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ. އަލިފާން ނިއްވުމުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ 4 ވެހިކަލް ހަރަކާތްތެރިވެ، 25 މިނިޓުގެ ތެރޭގައިވަނީ އަލިފާންގަނޑު އެއްކޮށް ނިންވާލާފައި. މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ގެންދަނީ ތަޙްޤީޤުކުރައްވަމުން.
03 މާރޗް 2008 | ހޯމަ
މަސްމާރުކޭޓް ބޮޑުވަޅު ސާފުކުރުމުގެ މަސައްކަތުގައި ވަޅަށް ފަބައިގެން އުޅުނު ލޯންގ ސްޓާރ ގްރޫޕްގެ 05 ދިވެއްސެއްގެ ހަށިގަނޑު ނެގުމަށްފަހު އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. މިރޭގެ 1:29 ހާއިރު މަސްމާރުކޭޓްގެ ބޮޑުވަޅަށް 03 މީހަކު ވެއްޓުނުކަމުގެ މައުލޫމާތު އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް އަށް ލިބުމާއިއެކު އެ ސަރވިސްގެ ރެސްކިޔު ޓީމް ވަނީ ވަގުތުން އެ ސަރަހައްދަށްގޮސް މިރޭގެ 01:37 ހާއިރު ރެސްކިޔު އޮޕަރޭޝަން ފަށާފައެވެ. މިގޮތުން ރެސްކިޔު ޓްރައިޕޮޑްް ބޭނުން ކޮށްގެން ފަހަރަކު މީހަކު ނެގުމަށް ފަހު އެމީހުންގެ އެއްވެސް ހަރަކާތެއް ނެތުމުން މި ފަސް މީހުންް ވަނީ އެމްބިއުލަންސްގައި އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާދިސާގައި އެންމެ ފަހު މީހާ ނެގިފައިވަނީ މިރޭގެ 02:05 ހާއިރުއެވެ. އަދި މިހާދިސާ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ތަހުޤީޤް ކުރައްވަމުންނެވެ.
11 ޑިސެމްބަރ 2007 | އަންގާރަ
ރޭ ދަންވަރު 02:20 ކަންހާއިރު މ. ދަރަވަންދޫއާގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި. މިހާދިސާގެ ޚަބަރު އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއި ގުޅިގެން ވަގުތުން، އެސަރަޙައްދަށް އެކޯ 2 ވެހިކަލް ފޮނުވާ، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވޭ. މިހާދިސާގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވޭ. މީގެ ތެރޭގައި 14 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ. މީގެ އިތުރުން އެގޭގައި ހުރި ބައެއް ހިފާ ގެންގުޅޭ އެއްޗިއްސާއި، ފަރުނީޗަރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ. އަލިފާން ނިއްވުމުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ 4 ވެހިކަލް ހަރަކާތްތެރިވެ، 25 މިނިޓުގެ ތެރޭގައިވަނީ އަލިފާންގަނޑު އެއްކޮށް ނިންވާލާފައި. މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ގެންދަނީ ތަޙްޤީޤުކުރައްވަމުން.
23 އޮކްޓޫބަރ 2007 | އަންގާރަ
ރޭ މެންދަމު 03:00 ހާއިރު ހެންވޭރު އަބަދަށްފެހިމަގު ހުންނަ ހ.ގަދަގޭ ކުރިމަތީގައި އޮތް ނައިލޯން ވާ ރޯލެއްގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. މިހާދިސާ ހިނގިކަމުގެ މައުލޫމާތު އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް ލިބުމާއިއެކު އެ ސާރވިސްގެ އެކޯ- 02 ފަޔަރ ވެހިކަލް އެ ސަރަހައްދަށް ގޮސް ރޯވެފައި ހުރި އަލިފާން ވަނީ ނިއްވާލާފައެވެ. އަދި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭގެ މެންދަމު 03:15 ހާއިރުއެވެ. މިހާދިސާގައި އަބަދަށްފެހިމަގުގައި ހުރި ހ.ކިނޮޅަސްގޭގެ ބޭރުފާރުގެ ބަޔަކަށް އަލިފާނުގެ އަސަރުކުރުމުގެ ސަބަބުން ކޮންމެވެސްވަރަކަށް ސިމެންތިފައިބައި އަދި އެ މަގުގައި ޕާރކްކޮށްފައިހުރި އޭ.އެކްސް.އެން ސައިކަލެއްގެ ( ރަޖިސްޓްރީ ނަމްބަރު AAOC P4921) ގެ ކުރީ ފުރޮޅުގެ ޓަޔަރާއި އެހެނިހެން ބައެއް ބައިތަށް ވިރިފައިވެއެވެ. މީގެއިތުރުން ރޯވި ނައިލޯން ވާ ރޯލްވަނީ އެއްކޮށް އަނދައިގެން ގޮސްފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް ލަފާކުރެވެނީ މިމަގުގައި ބާއްވާފައި އޮތް ނައިލޯން ވާ ރޯލުގައި ބަޔަކު ގަސްތުގައި ރޯކޮށްލުމުންކަމަށް އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން މައުލޫމާތުދެއްވިއެވެ.
19 އޮކްޓޫބަރ 2007 | ހުކުރު
2007 އޮކްޓޯބަރ 19 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ހާއިރު ހދ. ކުޅުދުއްފުށީ ތެމާގޭގައި ހަދާފައިހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްވުއެވެ. މިހާދިސާ ހިނގިކަމުގެ މައުލޫމާތު އެމް.އެން.ޑީ.އެފް އާރ.އެޗް.ކިޔު ކުޅުދުއްފުށީގައި ހުންނަ ފަޔަރ ސްޓޭޝަނަށް ލިބުމާއިއެކު ވަގުތުން އެކޯ-09 ޖިޕް އާއި އެ ހެޑްކްއާރޓާރޒްގެ އިތުރުވެހިކަލެއް އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވިއެވެ. ފަޔަރ ޓީމަށް އެ ސަރަހައްދަށް ދެވުނުއިރު ގުދަނުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަދި އެވަގުތު މިރަށުގެ އާއްމު ރައްޔިތުން އެހިސާބުގޭގެއިން ފެން ގެނެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔައެވެ. މީގެއިތުރުން ފަޔަރ ޓީމުން ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށްޓަކައި އެ ދިމާލު ގޮނޑުދޮށުގައި 01 ޕަންޕު ބަހައްޓައި 17 ޑެލިވަރީ ހޮޅިއަޅައި އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްވީ މިއަދުގެ މެންދުރުފަހު 14:10 ހާއިރުއެވެ. އަދި ރޯވި އަލިފާން މުޅިން ނިއްވާލެވުނީ މެންދުރުފަހު 14:40 ހާއިރުއެވެ. މިހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި މިރަށުގެ އާއްމު ރައްޔިތުންނާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބުނުކަމަށް އެމް.އެން.ޑީ.އެފް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ފާހަގަކުރެއްވިއެވެ. މިހާދިސާގައި އަލިފާން ރޯވި ގުދަނުގައި ހުރި ލަކުޑި ބެރިތަކާއި، 2500 ގޯނި އަދި 03 ވައު ( ބޭނުން ނުކުރާ ) އެނދުން ފިޔަވައި އިތުރު އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް ލަފާކުރެވެނީ ، ބަޔަކު ގަސްތުގައި ރޯކޮށްލުން ކަމަށް ވެސް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން މައުލޫމާތު ދެއްވިއެވެ.
07 އޮކްޓޫބަރ 2007 | އާދިއްތަ
ރޭ މެންދަމު 00:06 ގައި އެފް.ޑަބްލިޔު ކޮންޓްރަކުޝަންގެ ލަކުޑި ކީހާ ވެއަރ ހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި. މިހާދިސާގެ މަޢުލޫމާތު އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ލިބުމާއި ގުޅިގެން އަލިފާން ނިންވުމަށް ވަގުތުން ވަނީ ހަރަކާތްތެރިވެފައެވެ. މިހާދިސާ ކޮންޓްރޯލް ކުރުމަށްޓަކައި ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ފަޔަރ ފައިޓިންގ ޓީމް ސައިޓަށް ދިޔައިރު އެތަނުގެ ދޮރުގައި ތަޅުލާފައި ހުރުމުގެ ސަބަބުން އެޓީމް އަލިފާން ނިއްވާފައިވަނީ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެއެވެ. މިހާދިސާގައި ރޯވި އަލިފާނުގެ ސަބަބުން ވެއަރ ހައުސްގެ އުތުރު ހުޅަނގު ފަރާތު ކަނުގައި ހުރި ލަކުޑި ފަތިތަކާއި މަސައްކަތަށް ބޭނުންކުރާ ބައެއް ޓޫލްސްތަކާއި އަދި އެދިމާލު ބިތުން 04 ގަނޑު ޓިނު ހަލާކުވުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާދިސާ ހިނގުމަށް މެދުވެރިވީ ކަމަށް ލަފާކުރެވެނީ ސިގިރެޓް ބަޓް ބުރިއެއް ވައްޓާލާފައި ވުމުން ކަމަށް އެތަނުގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި އެކޯ 06 ގެ ކުރޫއިން މައުލޫމާތު ދެއްވައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި މިޙާދިސާ އިތުރަށް ތަހުޤީޤު ކުރުމުގެ މަސައްކަތް މޯލްޑްވްސް ޕޮލިސް ސާރވިސްއިން ކުރަމުންދާކަމުގައިވެސް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން މަޢުލޫމާތު ދެއްވައެވެ.









