އަލިފާންނިވުމުގެ މަސައްކަތް ފެށިގެން އައިގޮތް:
ސިފައިންގެ އުފެދުނީއްސުރެން ފެށިގެން އަލިފާންނިއްވުމުގެ މަސައްކަތަކީ ސިފައިން ކުރަމުންއައި މަސައްކަތެކެވެ. މިގޮތުން އަލިފާނެއް ރޯވެއްޖެނަމަ ސިފައިންގެ އެލާރޓްކުރެވި، ބާލިދީ ހިފައިގެންގޮސް އަލިފާންނިއްވުމުގެ މަސައްކަތް ކޮށް އުޅުނެވެ. އެއިރު އަލިފާން ނިއްވުމަށް 20 ނުވަތަ 30 ބާލިދީ ބޭނުންކުރިއެވެ. ތަނެއްގައި އަލިފާން ރޯވެއްޖެނަމަ މިބާލިދީ ހިފައިގެން އެވަގުތު ސިފައިންގެ ތެރޭގައި ތިބި އެންމެ އިސް ބޭކަލުންވެސް ހިމެނޭގޮތަށް ދުރުވެ ގޭގޭގެ ވަޅުންނާއި މޫދުން ފެންނަގައިގެން އަލިފާންނިއްވުމުގެ މަސައްކަތް ކޮށް އުޅުނެވެ.
މާލޭ އިންޓަރނޭޝަންނަލް އެއަރޕޯޓް އުފެދުމާއި ގުޅިގެން އަލިފާންނިއްވުމުގެ ޚާއްޞަ ތަމްރީން ދިނުމަށްޓަކައި 1966 އޯގަސްޓް 01 ގައި ސްރީލަންކާގެ ރަތުމަލާނާ އެއަރޕޯޓަށް "އެއަރ ޕޯރޓް ފަޔަރ ޓްރޭނިންގ"ގެ 6 މަސްދުވަހުގެ ކޯހެއް ފުރިހަމަ ކުރުމަށް ފުރަތަމަ ފަހަރަށް ސިފައިންގެއިން 10 މީހުން ފޮނުވާފައިވެއެވެ.
ނަން ބަދަލުވަމުން އައިސްފައިވާ ގޮތް:
ފަޔަރ އެންޑް ރެސްކިޔު ސާރވިސް ސިފައިންގެ ވަކި ޔުނިޓެއްގެ ގޮތުގައި އުފެދުނީ 1 މެއި 1990ގައެވެ. އެއިރު ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް ކިޔަނީ "ފަޔަރ ސެކްޝަން"އެވެ. އަދި 1 އޮކްޓޯބަރ 1993 ން ފެށިގެން ފަޔަރ ސެކްޝަންގެ ނަން ވަނީ އެން.އެސް.އެސް ފަޔަރ ސާރވިސްގެ ނަމަށް ބަދަލުކުރައްވާ، އަދި 1 ޖެނުއަރީ 2001 ން ފެށިގެން މިސާރވިސްގެ ނަން އެން.އެސް.އެސް ފަޔަރ އެންޑް ރެސްކިޔު ސާރވިސް" އަށް ބަދަލުކުރައްވާފައިވެއެވެ.
މަސައްކަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދަމުން އައިސްފައިވާގޮތް:
ފަޔަރ ސެކްޝަން އުފެދުމާއިއެކު މިސެކްޝަނަށް މަސައްކަތާއިބެހޭ ތަފާތު ސާމާނު ހޯދުމާއި، މީހުން އިތުރު ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކޮށްފައިވެއެވެ. މިސެކްޝަން އުފެދުނުއިރު މަރުޓީ ޖީޕްއަކަށް ބޭނުންވާ ޕަމްޕާއި، ހޮޅިއަރުވައިގެން އަލިފާންނިއްވުމުގެ މަސައްކަތް ކުރިނަމަވެސް 1990 ވަނަ އަހަރުގެ ތެރޭގައި އަލިފާންނިއްވުމަށް ބޭނުންކުރާ ފެނުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މާލޭ މުނިސިޕަލްޓީގައި ބޭނުންކުރަމުން އައި ދެ ފެންލޮރީ ފަޔަރ ސެކްޝަނަށް ހޯދުނެވެ. އަދި މީގެ އިތުރުން މިއަހަރުގެ ތެރޭގައި އަލިފާނެއް ރޯވެއްޖެނަމަ ޚަރަކާތްތެރިވާނެ ގޮތުގެ "ފަޔަރ އިމަރޖެންސީ ޕްލޭން"އެއް ތައްޔާރުކޮށް 1 ޖެނުއަރީ 1991 ން ފެށިގެން މިޕްލޭނަށް ޢަމަލުކުރަން ފެށުނެވެ.
އަދި 1990 ވަނަ އަހަރުގެ ތެރޭ އަލިފާންނިވާ ޚާއްޞަ ލޮރިއާއި، ބްރީތިންގ އެޕަރޭޓާސްއާއި، ހައިޑްރޯލިކް ފޯސިބަލް ޓޫލްސް ހޯދުމާއި، 450 ލީޓަރ ކެޕޭސިޓީގެ ރެޕިޑް އިންޓަރވެންޝަން ވެހިކަލެއް އިގިރޭސި ވިލާތުން ހޯދުމުގެ މަސައްކަތްކޮށް، އަލިފާންނިއްވުމަށް ބޭނުންކުރާ މިޚާއްޞަ ވެހިކަލް 1991 ވަނަ އަހަރު މިސެކްޝަނަށް ލިބިފައިވެއެވެ.
ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ޚިދުމަތަކީ ޢާންމުންނަށް ވަރަށް ބޭނުންތެރި އަދި އެހާމެ މުޙިއްމު ޚިދުމަތެއްކަމަށް ވުމާއި، މާލޭގެ ޢިމާރާތްތައް އުސްވަމުންދިއުމާއި، ކަޑުމަތީގައާއި އެކިއެކި ރިޒޯޓްތަކުގައި އަލިފާނުގެ ޙާދިސާތައް ހިގަމުންދާތީއާއި، މާލޭގެ އެކިހިސާބުތަކުގައި ރޯވާ އަލިފާންނިއްވުމުގައި ފެނުގެ ދަތިކަން އިހުސާސްކުރަން ޖެހޭތީއާއި އަދި މިކަމަށް ޒަމާނީ ޚާއްޞަ ވެހިކަލްތަކެއް ނެތުމާއިއެކު އަލިފާންނިއްވުމަށް ޚާޢްޞަ ވެހިކަލްތަކެއް ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން 1999 ޖުލައި 20 ގައި މިސާރވިސްއަށް ވަނީ ހޯއްދަވައިދެއްވާފައެވެ. އޭގެތެރޭގައި ހިމެނެނީ އަންނަނިވި ވެހިކަލްތަކެތެ.
- 01 ރެޕިޑް އިންޓަރވެންޝަން ވެހިކަލް
- 02 ވޯޓަރ އެންޑް ފޯމް ޓެންޑަރ
- 01 ރެސްކިޔު ޓެންޑަރ
- 01 ހޯސްލޭޔަރ
- 01 ހައިޑްރޯލިކް ޕްލެޓް ފޯމް
- 01 ފަޔަރ ލޯންޗް
ޚިދުމަތް ފުޅާކުރަމުން އައިސްފައިވާގޮތް:
މިސާރވިސްގެ ޚިދުމަތް އާންމުނަށް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި 1998 ވަނަ އަހަރުގެ ތެރޭ މާލޭގައި ފަޔަރ ސަބްސްޓޭޝަނެއް ހުޅުވުނެވެ. މިގޮތުން މިޚިދުމަތް އެންމެ ފުރަތަމަ ދެވެން ފެށުނީ 1998 ނޮވްމެބަރ 03 ވަނަ ދުވަހުން ފެށިގެން މާލޭގައި ހުޅުވުނު ވިލީފުލުސް ތިނަކުންނެވެ. އަދި 2000 ނޮވެމްބަރ 03 ގައި ހުޅުވުނު ވިލީ ފުލުސް 04ންވެސް އަލިފާންނިއްވުމުގެ ޚިދުމަތް ދެވިފައިވެއެވެ. ނަމަވެސް މިސާރވިސްގެ އެންމެހާ މަސައްކަތް ބަންޑާރަކޮށިން ކަޅުތުއްކަލާ ކޮށްޓަށް ބަދަލުވުމާއި، މާލޭގެ ކޮންމެ ތަނެއްގައި ރޯވާ އަލިފާނެއް ނިއްވުމަށްވެސް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން 3 ނުވަތަ 4 މިނިޓް އިރުތެރޭ ހަރަކާތްތެރި ވެވޭތީއާއިއެކު 25 އޯގަސްޓް 2001 ވަނަ ދުވަހު ވިލީފުލުސްތަކުން ދެމުންއައި ޚިދުމަތް ހުއްޓާލާފައިވެއެވެ.
މިސާރވިސްގެ ޚިދުމަތް ރާޢްޖެތެރެއަށް ފުޅާކުރުމުގެ ގޮތުން އަތޮޅު ތެރޭގައި ފަޔަރ ސަބްސްޓޭޝަން ތަކެއްވަނީ ހުޅުވިފައެވެ. މިހާތަނަށް ހުޅުވުނު ސްޓޭޝަންތަނުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ޢަދަދު |
ޤާއިމްކުރެވުނު ރަށްތައް |
ހުޅުވުނު ތާރީޚް |
އުވާލެވުނު ތާރީޚް |
މީހުންގެ އަދަދު |
01 |
އދ. މަހިބަދޫ | 03 ނޮވެމަބްރ 2000 |
29 އެޕްރީލް 2004 |
05 |
02 |
ބ.އޭދަފުށި | 26 ޖުލައި 2001 |
16 މެއި 2004 |
05 |
03 |
ވ.ވިލިގިލި | 01 ޖުލައި 2001 |
09 |
|
04 |
ސ.ހިތަދޫ | 01 ޑިސެމްބަރ 2001 |
07 |
|
05 |
ޏ.ފުވަށްމުލައް | 14 ޑިސެމްބަރ 2002 |
05 |
|
06 |
ހދ.ކުޅުދުއްފުށި | 19 ޑިސެމްބަރ 2002 |
04 |
|
07 |
ކ.ތިލަފުށި | 21 އެޕްރީލް 2004 |
06 |
|
08 |
ސަބްސްޓޭޝަން (ސޯމިލްކައިރި) | 10 މެއި 2004 |
04 |
|
09 |
ކ.ހުޅުމާލެ | 16 މެއި 2004 |
06 |









